Advertisement

މުސްއަބަށް ބަދަލުގެ ގޮތުގައި 1.1 މިލިއަން ދޭން އަނެއްކާވެސް ހުކުމްކޮށްފި

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ އޭނާއަށް ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބެލި މައްސަލަތަކަކާ ގުޅިގެން 2019 ވަނަ އަހަރު މުސްއަބު ވަޒީފާއިން ވަކިކުރި މައްސަލާގައި ހައި ކޯޓުން ވަނީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަަށް ހުކުމްކޮށްފަ އެވެ.

Advertisement

ހައި ކޯޓުގެ އެ ހުކުމް ސީއެސްސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ކަނޑައެޅީ މުސްއަބު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށެވެ. ނަމަވެސް، ހައި ކޯޓުން ނަގައިދިން ބަދަލުގެ ބައި ސުޕްރީމް ކޯޓުން ބާތިލްކޮށް، އެ ބަދަލު ހޯދަން ވަކިން ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައެޅި އެވެ.

އެއީ މުސްއަބުގެ ފަރާތުން ބަދަލު ނަގައިދޭން ފުރަތަމަ އެދިފައިވަނީ ހައިކޯޓުގެ މަރުހަލާގައި ކަމަށްވާތީ އާއި ބަދަލު ނަގައި ދިނުމަކީ ފުރަތަމަ މަރުހަލާގައި ހުށަހެޅި، ގޮތް ނިންމަންޖެހޭ ކަންކަމަށް ވާތީ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް މުސްއަބު ވަނީ ބަދަލު ހޯދުމުގެ ދައުވާ ސިވިލް ކޯޓަށް ވަކިން ހުށަހަޅައިފަ އެވެ. އެ މައްސަލާގައި މިއަދު އެ ކޯޓުން އިއްވި ހުކުމްގައި ބުނީ މުސްއަބު ވަޒީފާ ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށްވާތީ، އޭގެ ބަދަލުގެ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން އެއްބަސްވުމުގައި ބާކީ އޮތް ދެ އަހަރާއި 10 މަސް އަދި 15 ދުވަހަށްވާ މުސާރަ ސިވިލް ސާވިސް ކޮމިޝަނުން ދޭން ޖެހޭނެ ކަމަށެވެ. އެއީ 1.1 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ގަވައިދުގެ ދަށުން ވަޒީފާގެ އިނާޔާތުގެ ފައިސާ ވެސް މުސްއަބަށް ދައްކަން ހުކުމްކޮށްފައިވެ އެވެ. އަދި މިކަމާ ގުޅިގެން ޝަރީއަތުގެ ހަރަދުގެ ގޮތުގައި އޭނާގެ އަތުން ހަރަދުވި 40،000 ރުފިޔާ ވެސް ދައްކަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރި އެވެ.

ސިވިލް ކޯޓުން މި ދަރަނި އަދާކުރަން ދައުލަތުގެ މައްޗަށް ދީފައިވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ