މިދިޔަ އޭޕްރީލް މަހު އދ. އަތޮޅުގެ ފަރަކަށް ޔޮޓެއް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލުގައި 4 މިލިއަން ރުފިޔާ އިން ޔޮޓުގެ ވެރިފަރާތް ޖޫރިމަނާކޮށް އެއް މަސް ތެރޭ އެ ފައިސާ ދައްކަން އަންގައިފި އެވެ.
އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ 28 އޭޕްރީލްގައި ހިނގި އެ ހާދިސާގައި އދ. އަތޮޅުގެ ފަރަކަށް އެރީ ‘އެމްވައި ބިގް ފިޝް’ ކިޔާ ޔޮޓެއް ކަމަށެވެ.
އެ ޔޮޓުން ފުންކުރީ ޖެހިގެން އައި ދުވަހު ކަމަށާއި އެ ހާދިސާގައި ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް 4 ޖޫންގައި އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާ އެކު ޔޮޓް ފަރަށް އެރި ސަރަހައްދުގައި ޖޮއިންޓް ސާވޭއެއް ކުރިއަށް ގެންދިޔަ ކަމަށް އީޕީއޭ އިން ބުންޏެވެ.
އީޕީއޭ އިން ބުނީ އުޅަނދު ފަރަށް އެރި ސަރަހައްދު ބެލުމުން ފަރުގެ 187 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ޔޮޓުގެ ވެރިފަރާތް 4.8 މިލިއަން ރުފިޔާ އިން މިދިޔަ ހޯމަ ދުވަހު ޖޫރިމަނާކޮށްފައިވާއިރު، އެ ފައިސާ އެއް މަސް ތެރޭ އީޕީއޭއަށް ދައްކަން ވަނީ އަންގައިފަ އެވެ.
ފަރަށް އެރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ސަބަބުން އުޅަނދުތަކުގެ ވެރިން ޖޫރިމަނާ ކުރި ނަމަވެސް ދައުލަތަށް ލިބިފައިވަނީ އޭގެ ތެރެއިން ކުޑަ އަދަދެކެވެ.


ކިޔުންތެރިންގެ ހިޔާލު