އަވަށްޓެރި ސްރީ ލަންކާގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން 90 ދުވަހުގެ ވިސާ ދޭން ނިންމައި، އެ ގޮތަށް ޢަމަލުކުރަން ފަށައިފިއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނީ، މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ ސްރީ ލަންކާގެ ރައްޔިތުންނަށް 90 ދުވަހުގެ އޮން-އެރައިވަލް ޓުއަރިސްޓް ވިސާ ދޫކުރަން ފަށާފައިވާކަމަށެވެ. އަދި މި މުއްދަތަށް ވިސާ ދޫކުރަން ނިންމާފައި ވަނީ އެއްވެސް ފީއަކާ ނުލާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މިއީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެއް ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން ސްރީ ލަންކާގެ ޕާސްޕޯޓުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ދެމުން އައީ 30 ދުވަހުގެ އޮން-އެރައިވަލް ޓުއަރިސްޓް ވިސާއެވެ. އެހެންކަމުން، ރާއްޖޭގައި މަސައްކަތްކުރާ ސްރީ ލަންކާގެ ރައްޔިތުން ދުވަހެއްދުވަހަކަށް އިތުރުވަމުން އަންނައިރު، މި ގެނައި ބަދަލާއެކު އެ ފަރާތްތަކަށް އެކި ގޮތްގޮތުން ލުއިތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ލަންކާއަށް ދާ ދިވެހީންނަށް ވެސް އަންނަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދެމުންނެވެ. އަދި ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތަޢުލީމު ހާސިލްކުރާ ދިވެހިންގެ އަނބިން/ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޭން ލަންކާއިން ފަށާނެ ކަމަށް ވެސް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު