ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން އަންނަ ހަމަލާތައް ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ހުއްޓައިލުމަށް ގޮވާލައި، ހަމާސް ޖަމާއަތް އެއްކޮށް ނައްތައިލުމަށް ޔަހޫދީންނަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކޮށްފިއެވެ.
މިކަމުގެ ސަބަބުން، ޣައްޒާގައި ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ އިންސާނީ ހާލަތަށް އިތުރު ބޮޑު ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
މީގެ ހަފްތާތަކެއް ކުރިން ޓްރަމްޕް ވަނީ ފަލަސްތީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ އުދުވާނީ ހަމަލާތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް އައުމަށް ގާތްވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އެފަހަރު އޭނާ ބުނީ، ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރެވޭނެ ކަމަށާއި، ކާބޯތަކެތި ނުލިބި ބަނޑަށް ޖެހެމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީ ލިބޭނެ މަގު ހަމަޖެހިގެންދާނެ ކަމަށެވެ.
ނަމަވެސް، މި ހަފްތާގެ ތެރޭގައި ޓްރަމްޕްގެ ރާގު ވަނީ އެއްކޮށް ބަދަލުވެފައެވެ. އުދުވާން ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވާ އެމެރިކާގެ މަންދޫބުން މަޝްވަރާތަކުގައި އިތުރަށް ބައިވެރިނުވުމަށް އޭނާ ވަނީ އަންގާފައެވެ. ޓްރަމްޕް މިގޮތަށް އަމަލުކޮށްފައި ވަނީ ހަމާސްއިން މަޝްވަރާތަކުގައި ބައިވެރި ވަނީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށާއި، އެ ޖަމާއަތުގެ އެއްވެސް އިންތިޒާމެއް ނެތް ކަމަށް ބުނުމަށްފަހުއެވެ. އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ ޓްރަމްޕްގެ މަންދޫބު، ސްޓީވް ވިޓްކޮފް ވެސް ވަނީ ޣައްޒާގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރެވޭ އެހެން ގޮތްތައް ވިސްނަމުންދާ ކަމަށް ބުނެފައެވެ.
މަޝްވަރާގެ މޭޒުގެ ދޮށަށް މިހާރުން މިހާރަށް އަނބުރާ ދިއުމަށް ހިތްވަރުދިނުމުގެ ބަދަލުގައި، ޓްރަމްޕް ވަނީ ޔަހޫދީންގެ އަސްކަރީ ހަރަކާތްތައް އިތުރަށް ފުޅާކޮށް، ހަމާސް އެއްކޮށް ނައްތާލަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ބުނެފައެވެ. ޓްރަމްޕް މިފަދަ އިޝާރާތެއް ކޮށްފައި ވަނީ ޣައްޒާގެ ކުދި ބޮޑު އެންމެން އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަހައްމަލުކޮށް، މަރުގެ ތުންފަތް މަތީގައި ވަގުތު ގުނަމުންދާ ދަނޑިވަޅެއްގައެވެ.
ހަމާސްއާ ގުޅޭގޮތުން ޓްރަމްޕް ބުނީ، އެ ޖަމާއަތުގެ އަމަލުތައް މެދުވެރިކޮށް އެ ދެވެނީ އަމިއްލަ މަރަށް ދައުވަތެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު