ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅުގައި، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ޚާއްސަ ފަރިވަޅެއް ހަދިޔާކޮށްފިއެވެ. މި ފަރިވަޅު ހަދިޔާކުރުމަށް ޕީއެސްއެމްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އައު ޓާމިނަލަށް ޒިޔާރަތްކޮށްފައެވެ.

ޕީއެސްއެމްގެ ފަރާތުން މި ފަރިވަޅު އެރުވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސްރީނެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުން މި ފަރިވަޅާ ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.
މި ދިވެހި ކެއުމުގެ ބާވަތްތަކާއި ފޮނި ކާތަކެތި ހިމެނޭ މި ފަރިވަޅަކީ ދެ ކުންފުނީގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ހެއްކެކެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ހުޅުވުމަށް ތައްޔާރުވަމުންދާ އައު ޓާމިނަލަކީ ވީއައިއޭގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ތަރައްޤީއެކެވެ. މިހާރު ހުރި ޓާމިނަލުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭއިރު، އައު ޓާމިނަލާއެކު އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.
އެމްއޭސީއެލްއިން މިހާރު ދަނީ އެއަރޕޯޓު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކުރަމުންނެވެ. އަދި ޕީއެސްއެމްއިން ވަނީ އެމްއޭސީއެލްއިން ކުރިއަށްގެންދާ މިފަދަ ތަރައްޤީގެ މަޝްރޫޢުތަކުގައި އެ ކުންފުނީގެ އެހީތެރިކަމާއި އެއްބާރުލުން ކުރިއަށް އޮތްތަނުގައިވެސް ލިބޭނެކަމުގެ ޔަޤީންކަން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު