Advertisement

ކޮންމެ ސަރުކާރަކުން ކުރިޔަސް އެއާޕޯޓް އިން ފައިދާ ކުރާނީ ހަމަ ދިވެހި ރައްޔިތުންނަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހިރާއްޖޭގެ ތަރައްގީއާއި އިގްތިސާދީ ކުރިއެރުމުގެ މުހިންމު ތަނބެކެވެ. މިއީ ހަމައެކަނި ވައިގެ ބަނދަރެއް ނޫނެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ފުރަތަމަ މަންޒިލާއި، ދިވެހިރައްޔިތުންނާއި ދުނިޔެ ގުޅުވާލަދޭ މައި ދޮރޯއްޓެވެ. ނަމަވެސް މިހާރަކަށް އައިސް މި އެއާޕޯޓާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެންމެ ބޮޑަށް އިސްކަންދެވިފައިވަނީ ސިޔާސީ މަންފާއަށެވެ.

މިހާރު އެންމެ ބާރަށް ހުރިހާ ޕާޓީ ތަކަކުން ވެސް ދައްކާވާހަކަ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަކީ އެ ޕާޓީގެ ސަރުކާރެއްގައި ކުރި ކަމެއްގެ ވާހަކައެވެ. ކޮންމެ ސަރުކާރެއް ވެސް އެއާޕޯޓަށް ގެނެސްފައިވާ ތަރައްގީއާއި ކުރިއެރުންތަކުގެ ކްރެޑިޓް ނަގަން ބޭނުންވެއެވެ. ނަމަވެސް، މި އެއާޕޯޓް ބިނާކުރުމާއި، ބޮޑުކުރުމާއި، އަދި އާބާދުކުރުމަށްޓަކައި ހުރިހާ ސަރުކާރެއްގެ މަސައްކަތް ހިއްސާވެފައިވާކަން އެއީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. މި ވާހަކަތައް ދައްކާއިރު، އެއްވެސް ފަރާތަކުން މި އެއާޕޯޓުން ރައްޔިތުންނަށް ލިބޭނެ ފައިދާއާއި، ގައުމަށް ކުރާނެ މަންފާއާ ބެހޭގޮތުން މާ ބޮޑު ސަމާލުކަމެއް ދީފައެއްނުވެއެވެ. ވާހަކަ ދައްކާނީ ކްރެޑިޓް ނެގުމާއި، ސިޔާސީ މަންފާއާ ބެހޭގޮތުންނެވެ.

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާހިސާބަށް އައުމަކީ އެއް ސަރުކާރެއްގެ ނުވަތަ އެއް ލީޑަރެއްގެ މަސައްކަތެއްގެ ނަތީޖާއެއް ނޫނެވެ. މިއީ ތާރީހީ ގޮތުން އެތައް ލީޑަރުންގެ ހިކުމަތާއި، ދުރުވިސްނުމާއި، ގައުމީ ލޯބީގެ ސަބަބުން ހާސިލްވެފައިވާ ކާމިޔާބީއެކެވެ. އެގޮތުން، ރައްޔިތުންގެ ހިތްތަކުގައި އަބަދަށްޓަކައި ޝުކުރުވެރިވާނެ ލީޑަރުންގެ ތެރޭގައި ރައީސް ނާސިރުއާއި، ރައީސް މައުމޫންއާއި، ރައީސް ނަޝީދުއާއި، ރައީސް ވަހީދުއާއި، ރައީސް ޔާމިންއާއި، ރައީސް ސޯލިހްއާއި، އަދި މިހާރުގެ ރައީސް މުއިޒް ވެސް ހިމެނެއެވެ. އެބޭފުޅުން ކޮންމެ ބޭފުޅަކު ވެސް ވަނީ މި އެއާޕޯޓުގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެހެންކަމުން، މި އެއާޕޯޓުގެ ކްރެޑިޓް އެންމެ ފަރާތަކަށް ނުވަތަ އެންމެ ސަރުކާރަކަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މި މަސައްކަތުގައި ހިއްސާވެފައިވާ ހުރިހާ ލީޑަރުންނަށް ރައްޔިތުން ޝުކުރު ދަންނަވައެވެ.

މިފަހަކަށް އައިސް މިފެންނަނީ، ގައުމީ އަސާސެއް ކަމަށްވާ އެއާޕޯޓް ސިޔާސީ ކުރާތަނެވެ. އޭގެ ބަދަލުގައި މި އެއާޕޯޓުން ރައްޔިތުންނަށް ފައިދާ ވަނީ ކިހާވަރަކަށް ތޯ ބަލައި، އިތުރަށް މި ފައިދާތައް ގިނަ ކުރެވޭނެ ގޮތްތައް ހޯދާނަމަ، ރާއްޖެ އަށް ބޮޑު ތަރައްގީއެއް އަންނާނެ ކަމީ ޝައްކެއްނެތް ކަމެކެވެ. މި އެއާޕޯޓަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ހަށިގަނޑު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ އެންމެ ބޮޑު ތަރައްގީއެވެ. މި އެއާޕޯޓު މެދުވެރިކޮށް އެތައް ހާސް ވަޒީފާތަކެއް އުފެދި، ވިޔަފާރިތައް ފުޅާވެ، ގައުމީ އާމްދަނީ އިތުރުވެއެވެ. އެހެންކަމުން، މި އެއާޕޯޓަކީ ސިޔާސީ ބަހުސްތަކަށް ވުރެ ބޮޑަށް، ގައުމީ ކުރިއެރުމަށް މަގުފަހިކުރާނެ މުހިންމު ވަސީލަތެއްގެ ގޮތުގައި ބެލެވެން ޖެހެއެވެ.

އެއާޕޯޓަކީ ކޮންމެ ސަރުކާރަކުން ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ހަގީގީ ފައިދާ ލިބޭނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށެވެ. އެހެންކަމުން، ސިޔާސީ ފަރާތްތަކުން އެއްބަޔަކު އަނެއްބަޔަކަށް ކްރެޑިޓް ދިނުމުގެ ބަދަލުގައި، މި އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ލިބޭ ފައިދާ އިތުރުކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ. މި ދުރުވިސްނުމާއެކު މަސައްކަތް ކުރާނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވާނީ ދިވެހިރާއްޖޭގެ ތަރައްގީގެ އަލިގަދަ މިސާލަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

S Shameeha
Nice

ލިޔުމާއި ގުޅޭ

އިންޑިއާގެ ޒުވާނުންގެ “ކޮކްރޯޗް ޖަންތާ ޕާޓީ”: މީމްއަކުން ފެށި ސިޔާސީ އިންގިލާބެއް

ނަޝީދުއާއި ފައްޔާޒުގެ ޕާޓްނާޝިޕް ހަމަ ވޯކްކޮއްފާނެބާ؟

މުވައްޒިފުންގެ ހައްގުތަކަށް އަރައިގަންނަނީ؟

ރާއްޖެ އޮތީ ބޭހަށް ވެސް ޖެހިފަ، އެވަރުންވެސް ބޭރުގަ އުޅޭމީހުންނަށް އާސަންދަ: މިއީ ޖޯކެއްތަ؟