ބިޔޯންސޭގެ ރިލީޒް ނުކުރާ މިޔުޒިކު ތަކަކާއި، ޝޯތަކުގެ ފުޓޭޖް، ޕްލޭންތައް އަދި ކޮންސެޓްތަކުގެ ލަވަލިސްޓްތައް ހިމެނޭ ތަކެތި ވަގަށް ނަގައިފި އެވެ. މި ތަކެތި ވަގަށް ނަގާފައި ވަނީ ކާރެއްގެ ތެރެއިން ކަމަށް ހަބަރުތައް ބުނެއެވެ.

ފުލުހުންގެ ރިޕޯޓެއްގައިވާ ގޮތުން މިތަކެތި ވަގަށް ނަގާފައިވަނީ ޖުލައި 8 ވަނަ ދުވަހުއެވެ. ވަގަށް ނަގާފައިވަނީ ފަސް ތަމްބް ޑްރައިވާއި، ދެ މެކްބުކް ލެޕްޓޮޕް، އެޕަލް ހެޑްފޯނު އަދި އަގުބޮޑު ފޭރާމާއި އެހެނިހެން ތަކެއްޗެވެ. މި ތަކެތި ހުރީ ބިޔޯންސޭގެ ކޮރިއޮގްރާފަރާއި ނެށުންތެރިޔަކު އެޓްލާންޓާގައި ކުއްޔަށް ހިފާފައިވާ ކާރެއްގެ ތެރޭގައެވެ.

Advertisement

މިހާދިސާ ހިނގާފައިވަނީ ބިޔޯންސޭ އެޓްލާންޓާގައި ހަތަރު ދުވަހުގެ ޝޯތަކެއް ފެށުމުގެ ދެ ދުވަސް ކުރީންނެވެ.

އެޓްލާންޓާގެ ފުލުހުން ބުނެފައިވަނީ މިހާދިސާގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރަން ވޮރަންޓެއް ހޯދާފައިވާ ކަމަށެވެ. އެމީހާގެ ވަނަވަރު ހާމައެއް ނުކުރެއެވެ.

ބިޔޯންސޭގެ ކޮރިއޮގްރާފަރު، ކްރިސްޓޮފަރ ގްރާންޓާއި ނެށުންތެރިޔާ ޑައިއެންޑްރީ ބްލޫ ފުލުހުންނަށް ބުނެފައިވަނީ އެމީހުންގެ 2024 ޖީޕް ވެގޮނާ ކާރު ޕާކްކޮށްފައި އޮއްވައި، ކާރުގެ ފަހަތު ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށާއި، ދެ ސޫޓްކޭސް ވަގަށް ނަގާފައިވާ ކަމަށެވެ.

ފުލުހުންގެ ރިޕޯޓްގައިވާ ގޮތުން މި ހާދިސާގައި ތުހުމަތުކުރެވޭ އުޅަނދަކީ ރަތް ހުއިންޑާ އެލަންޓްރާ ކާރެކެވެ. ޕާކިން ލޮޓްގައި ހުރި ސެކިއުރިޓީ ކެމެރާތަކުން މި ހާދިސާ ރެކޯޑުވެފައިވާއިރު، ވަގަށް ނެގި ލެޕްޓޮޕްތަކާއި ހެޑްފޯނުތަކުގެ ލޮކޭޝަން ޚިދުމަތް ބޭނުންކޮށްގެން އެތަކެތި ހުރި ސަރަހައްދު ފުލުހުން ބަލާފައިވެއެވެ.

ބިޔޯންސޭގެ މިހާރު ކުރިއަށްދާ ޓުއާ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ފަށާފައިވާއިރު، މި ޓުއާ ނިމޭނީ ޖުލައި މަހުގެ ފަހުކޮޅު ލަސް ވެގަސްގައި ދެ ރޭ ކުޅޭ ޝޯއަކުންނެވެ.