ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިރޭ ފްރާންސާއި އިރާގު ބައްދަލުކުރަން ހަމަޖެހިފައިވާ މެޗު، އެމެރިކާގެ ފިލަޑެލްފިއާ އަށް މޫސުން ގޯސްވެ، މެޗު ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.
މިރޭ ފިލަޑެލްފިއާގެ ލިންކަން ފައިނޭންޝަލް ފީލްޑްގައި ކުޅޭ މި މެޗު އޮންނަ ވަގުތު ބޮޑު ތޫފާނެއް އަންނާނެ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. ވަކިން ހާއްސަކޮށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވައިގަދަވާނެ ކަމަށް ބެލެވޭތީ، މެޗު ފެށުން ލަސްވުމުގެ ނުވަތަ ފަސްކުރަން ޖެހުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
މި ނުރައްކާތެރި މޫސުމީ ބަދަލުތަކާ ގުޅިގެން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން މިހާރު ވަނީ ކުއްލި ހާލަތްތަކުގައި އަޅާނެ ފިޔަވަޅުތައް ތައްޔާރުކޮށްފައެވެ. ފީފާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، މޫސުން ގޯސްވެ ސަޕޯޓަރުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނަނަމަ، ދަނޑަށް ވަންނަ މީހުންނަށް ދަނޑުގެ އެތެރޭގެ ރައްކާތެރި ސަރަހައްދުތަކާއި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ހިޔާވަހިކަންދޭ ތަންތަނުން ޖާގަ ހަމަޖައްސައިދޭނެއެވެ.
ފީފާގެ ގަވާއިދުތަކުގައިވާ ގޮތުން، ދަނޑާ އަށް މޭލުގެ ސަރަހައްދެއްގެ ތެރެއަށް ހޮނުއަޅައިފިނަމަ، މެޗު މެދުކަނޑާލުމާއެކު ސަޕޯޓަރުން ތިބި ތަންތަނުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހެއެވެ. އަދި މެޗު އަލުން ފެށޭނީ، އެންމެ ފަހުން ހޮނުއެޅި ވަގުތުން ފެށިގެން މެދުނުކެނޑި 30 މިނެޓު ވަންދެން އިތުރަށް ހޮނުނާޅާ ހުރެއްޖެނަމައެވެ.
މިރޭގެ މެޗަކީ ދެ ޓީމަށް ވެސް މުހިންމު މެޗެކެވެ. މެޗުގެ ފޭވަރިޓުން ކަމަށް ބެލެވޭ ފްރާންސް ނިކުންނާނީ ކުޅުނު ފުރަތަމަ މެޗުގެ ހޯދި 3 ޕޮއިންޓާއެކު، ނޮކައުޓް ބުރުން ޖާގަ ހޯދުމުގެ އުންމީދުގައެވެ.


ކިޔުންތެރިންގެ ހިޔާލު