Advertisement

އަމާޒަކީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާގައި ހިފެހެއްޓުން: ރައީސް

މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުން މީހުން މަދުވީ ސަރުކާރު ކުންފުނިތަކުން އިންތިހާއަށް ވަޒީފާ ދީފައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އާންމުކުރި ’ދަ ޕްލަސް‘ ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަކީ އުންމީދެއް ކަމަށާއި، މަސައްކަތް ކުރަމުންދަނީ އެއަށްވުރެ ވެސް މަތީ އަގެއް މަސްވެރިންނަށް ހޯދައިދިނުމަށް ކަމަށެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަށްޓަކައި، މިފްކޯއިން އަލުން ކަންނެލި ގަންނަން ފެށުމަށް މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

Advertisement

މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މީހުންގެ ތަދިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެތައް ބަޔަކަށް ވަޒީފާ ދީފައި އޮތުމަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުން މަދުވި ސަބަބެއް ކަމަށެވެ. ނަމަވެސް އެކަން ބަދަލުކޮށް، މަސްވެރިކަމުގެ ސިނާއަތަށް މީހުން ނެރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، މަހުގެ އަގު 20 ރުފިޔާއަށް ހަދައިދިނުމުގެ ވައުދު ނުފުއްދާތީ މަސްވެރިން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މަހުގެ އަގަށް އައި ބަދަލުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ތެރޭގައި އޭރުގެ ސަރުކާރުން މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މި ސަރުކާރުން މިދިޔަ ފެބްރުވަރީ މަހު އެ އަގު ވަނީ 20 ރުފިޔާއަށް ދަށްކޮށްފައެވެ.

މިފްކޯއިން ބުނެފައިވާ ގޮތުގައި، ބާޒާރުގެ އަގަށް ރިއާޔަތްނުކޮށް 20 ރުފިޔާއަށް މަސް ގަތުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއް ނޫނެވެ. އެހެންކަމުން، މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ވަނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މަސް ގަންނަން ފަށާފައެވެ. މި ބަދަލާއެކު މަހުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާއިރު، މިހާރު ދޮޅު ކިލޯއިން މަތީގެ މަސް ކިލޯއަކަށް އާންމުކޮށް ލިބެނީ 16 ރުފިޔާއެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، އިނގިރޭސިވިލާތުން ދިވެހި މަހަށް ނަގާ ޓެރިފް ކަނޑާލާފައި އޮތް އޮތުން ދާއިމީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އެޗްޑީސީގެ މުވައްޒަފުން މަދުކުރަން ރިޑަންޑަންސީ ޕެކޭޖު ތަކެއް

ސްކޭމް މައްސަލައެއްގައި ހިމެނޭ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 2 ވަނަ ކޯސް ފަށައިފި

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!