Advertisement
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު --

ވޭވަށު އިންތިހާބު މައްސަލަ މާދަމާ ސުޕްރީމް ކޯޓުން ނިންމަނީ

މ. ވޭވަށު ކައުންސިލްގެ އިންތިހާބުގެ މައްސަލަ މާދަމާ ނިންމަން ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.

މިއީ، މ. ވޭވަށު ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮނޑި، ހައިކޯޓުގެ ހުކުމަކާއެކު ޕީއެންސީ ކެންޑިޑޭޓަކަށް ލިބުނު މައްސަލައިގެ އިސްތިއުނާފެވެ.

Advertisement

މި މައްސަލަ ސުޕްރީމް ކޯޓުން ނިންމަން ތާވަލުކޮށްފައި އޮތީ މާދަމާ ހެނދުނު 10:30 އަށެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމްއެވެ.

މ. ވޭވަށު ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮނޑި، ހައިކޯޓުގެ ހުކުމަކާއެކު ޕީއެންސީ ކެންޑިޑޭޓަކަށް ލިބުނު ހުކުމް ބާތިލުކުރަން އިލެކްޝަންސް ކޮމިޝަނުންވެސް ސުޕްރީމް ކޯޓުގައިވަނީ މި މައްސަލައިގެ ތެރެއިން އެދިފައެވެ. އިލެކްޝަންސް ކޮމިޝަނުން، ސުޕްރީމް ކޯޓުގައި އެ ގޮތަށް އެދުނީ، އިލެކްޝަންސްއާއި ޕީއެންސީގެ ކެންޑިޑޭޓަށް ރައްދުވާ ގޮތަށް އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމް ހުށަހެޅި މައްސަލައިގެ ޝަރިއަތުގައެވެ.

ވޭވަށު ކައުންސިލްގެ އާއްމު ދެ މެންބަރުގެ އިންތިހާބު، ދެ ވޯޓުގެ ތަފާތަކުން ކާމިޔާބުކޮށްފައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމްއެވެ. އަހްސަންއަށް 121 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ. އެކަމަކު، އެ މައްސަލަ ޕީއެންސީގެ ކެންޑީޑޭޓްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން މި މައްސަލަ، ހައިކޯޓުން ނިންމިއިރު، އިންތިހާބުގެ ނަތީޖާ އެނބުރި، އެމްޑީޕީން ހޯދި ގޮނޑިވަނީ ޕީއެންސީއަށް ފުރޮޅިފައެވެ.

މި މައްސަލައިގެ ޝަރިއަތުގައި، ސުޕްރީމް ކޯޓުން އެދޭނަމަ، ވޯޓު ކަރުދާސްތައް ކޯޓަށް ހުށަހަޅަން ތައްޔާރަށް ތިބި ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ. މައްސަލަ ހުށަހެޅި، އަހްސަން ނައީމްގެ ފަރާތުން އަދި އިލެކްޝަންސްގެ ފަރާތުން އެދުނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށްދޭށެވެ. އެކަމަކު، ހައިކޯޓުގެ ހުކުމާއެކު ގޮނޑި ލިބުނު ޕީއެންސީގެ ކެންޑިޑޭޓް ނަޒީހުގެ ފަރާތުން އެދުނީ ހައިކޯޓުގެ ހުކުމް ރަނގަޅު ކަމަށް ކަނޑައަޅައިދޭށެވެ.

އެ މައްސަލައައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި އޮތީ ހިޔާލު ތަފާތުވެފައެވެ. މައްސަލައިގެ އަގުލަބިއްޔަތު ފަނޑިޔާރުން ނިންމީ، އިންތިހާބުގައި މައްސަލަ ޖެހުނު ތިން ވޯޓެއް ބާތިލު ކުރާށެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން، އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންކަމުން، 119 ވޯޓާއެކު އިންތިހާބު ކާމިޔާބުވާނީ ޕީއެންސީގެ ކެންޑީޑޭޓަށެވެ.

މި މައްސަލަ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމިއިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ކުރިން ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްއެވެ. ރައޫފު އަދި މައްސަލައިގެ ރިޔާސަތު ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ނިންމެނީ ތިން ވޯޓު ކަރުދާސް ބާތިލު ކަމަށް ކަނޑައަޅާށެވެ. ރައުޔު ތަފާތުވީ އިބްރާހީމް މާހިރު ވިދާޅުވީ ނަތީޖާއަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.

ވޭވަށު ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނުން ވޭވަށުގެ ވޯޓު އަލުން ގުނާފައިވެއެވެ. އެއީ، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް، މޮޅުވި ކެންޑިޑޭޓު އޭރު ބަދަލު ވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާ ނަމަ ބޮޑު ޖޫރިމަނާއެއް

ބައްސާމް ގަތް ޕެންޓްހައުސްއާ ގުޅޭ ހުރިހާ މުއާމަލާތެއް ހައިކޯޓުން ހުއްޓުވައިފި

ހިޔާ ކޮމާޝަލް ސަރަހައްދުން ޔުނިޓްތަކެއް ކުއްޔަށް ދެނީ

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އަޅަން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި