ތިމާވެށި ހިމާޔަތް ކުރަން ގްރީން ފަންޑުން އަހަރަކު ހަތް މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވެވި ހިތޯބުގައެވެ.
ރައީސް ވިދާޅުވީ، މިއަދަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެއްޓާ މެދު ފުންކޮށް ވިސްނައި، މި ނާޒުކު ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އަޒުމު ވަރުގަދަ ކުރަންވީ ދުވަހެއް ކަމަށެވެ.
ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމަށްވާ “އަ ގްލޯބަލް ކޯލް ފޯ ކްލައިމެޓް އެކްޝަން” އަކީ، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކަންބޮޑުވުންތަކާ ނުހަނު ގުޅިފައިވާ ޝިއާރެކެވެ.
ރައީސް ވިދާޅުވި ގޮތުގައި އިލްމީ ދިރާސާތަކުން ދައްކަނީ ކުރިއަށް އޮތީ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ދުވަސްތަކެއް ކަމެވެ. އެހެންވެ، ދިރިއުޅުމުގެ އާދަކާދަތަކާއި ވިސްނުންތަކަށް ބަދަލު ގެނެސް، އިހަށްވުރެ ބޮޑަށް އަތުކުރި އޮޅާލަން މިހާރު މަޖުބޫރުވެފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އަސަރުތައް އަޅުގަނޑުމެން މިހާރުވެސް މި ދަނީ ތަހައްމަލުކުރަމުން އާދަޔާ ޚިލާފަށް މޫސުން ގޯސްވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތައް އިތުރުވުމަކީ، މިއަދުގެ ދުނިޔޭގެ ހަގީގަތް. މިކަންތައް ބަދަލު ކުރެވޭނީ ގުޅިގެން، ބައިނަލްއަގްވާމީ ގޮތުން އަޅާ ފިޔަވަޅުތަކުން ނަމަވެސް، އަޅުގަނޑުމެންވެސް އިސްނަގައި، ގައުމީ ފެންވަރުގައި، އަދި ފަރުދީ ފެންވަރުގައިވެސް ކުރެވިދާނެ ކަންކަމާމެދު ވިސްނައި، އަމަލުކުރުމަކީ މުހިއްމު ކަމެއް.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގްތިސާދީ ދުޅަހެޔޮކަމާއި ޖުމްލަކޮށް މުޅި ދިރިއުޅުމުގެ ވައްޓަފާޅި ގުޅިފައިވަނީ މާތް ﷲ ގެ ރަހްމަތްފުޅުން ދެއްވާފައިވާ ގުދުރަތީ ވެއްޓަށް ކަމަށެވެ.
ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ، އެންމެ މަގުބޫލު އެއް މަންޒިލަށް ވެފައިވަނީ މި ހިތްގައިމު ގުދުރަތީ ސިފަތަކުގެ ސަބަބުންނާއި ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި، ވަށައިގެންވާ ހުދުކުލައިގެ ދޮންވެލި ގޮނޑުދޮށްތަކުގެ އިތުރުން، ސާފު ނޫކުލައިގެ މޫދާއި ފަރުތަކުގެ ހިތްގައިމުކަމުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މަގުބޫލު މަންޒިލަކަށް ރާއްޖެ ވެފައިވަނީ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ މި ވެށީގައި އުޅޭ ވެލާކަހަނބާއި، އެންމަޑި އަދި ފެހުރިހި ފަދަ ދިރުންތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
ބަނަވަމުން މިދާ ދުނިޔޭގައި، އެންމެންގެ ތަރައްގީ އާއި ތަހުޒީބާއި ތަމައްދުނު ގުޅިލާމެހިފައިވަނީ، ތަރައްގީގެ އާރުކާޓީއަކަށް ބަލައި، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތީގައި ސާބިތުކަމާއެކު ދެމިތިބެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަރައްގީ އާއި ތިމާވެށީގެ ހުރިހާ މައިދާންތަކެއް އެކުލެވި، ވަށައިޖެހޭނެގޮތަކަށް ގެންދިޔުމަށް ވިސްނުންތައް ބައްޓަންކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
“މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ގައުމުގެ ތަރައްގީގެ ދުވެއްޔާއެކު ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުން. މި މަސައްކަތްތަކަށް އަހަރުން އަހަރަށް، ޔަޤީންކަމާއެކުގައި ލިބޭ ބަޖެޓް ނެތުމުން.” ރައީސް ވިދާޅުވިއެވެ.
“އެހެންކަމުން، މި މަސައްކަތަށް، ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ، މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކުރުމަށް އަޅުގަނޑު ވާނީ މިއަދު ނިންމާފަ. މިއީ، ކޮންމެ އަހަރަކު ޢާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން ޚަރަދުކުރާނޭ ފައިސާ. މިއާއެކު، ފާއިތުވި އަހަރުތަކުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް މޯލްޑިވްސް ގްރީން ފަންޑުން ދީފައިވާ އަހަންމިއްޔަތުކަން، އެއަށްވުރެ ހަރުދަނާވެ އަދީ މަތީ ހަރުފަތަކަށް ގެންދެވޭނެ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ފައިސާ ހަރަދުކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތަށް ކަމަށެވެ. މިގޮތުން، މި ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކުރުމަށް ނިންމައިފައިވަނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމަށާއި މިފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށާއި މޮނިޓަ ކުރުމުގެ މަސައްކަތްތަކަށާއި ކޮންސަވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކުރުމަށާއި ތިމާވެށީގެ ދިރާސާތައް ކުރުމަށާއި މައުލޫމާތު އާންމުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން، ތިމާވެށީގެ ތަފާތު ޕުރޮގުރާމުތައް ހިންގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން މި މަސައްކަތަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުގެ އުއްމީދަކީ، މި ބަދަލާއެކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދުރުރާސްތާގެ މަޝްރޫއުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެގެންދިޔުން. އަދި މި މަސައްކަތްތަކަކީ، އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާ، އޭގެ ފައިދާ ޒަމާންތަކަށް، މުސްތަގްބަލަށް ލިބިގެންދިޔުން” ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު