ކެފޭގެ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަނެއް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ކުރިމިނަލް ކޯޓުން ނެރުނީ ހ. ގުންޒަރު ނަމަކަށް ކިޔާ ގެއެއް 90 ދުވަހަށް ބަންދުކުރުމުގެ އަމުރެއް ކަމަށެވެ.
މީގެކުރިން ގާނޫނު އޮންނަ ގޮތުން، މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް އޮވެއެވެ.
ނަމަވެސް، އެ އަށް ވުރެ ދިގު މުއްދަތަކަށް ބަންދެއް ނުކުރެވެއެވެ.
އެ ނޫން ހާލަތްތަކުގައި، އެ ގޭގެ ވެރިފަރާތުގެ ހުއްދައާ އެކު، ޑްރަގް ކެފޭތައް ފުލުހުން ގޮސް ބަންދުކުރެއެވެ.
އެހެންކަމުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މިދިޔަ އަހަރު އިސްލާހު ގެނައީ، ގިނަވެގެން ތިން މަސް ދުވަހަށް އެ ފަދަ ތަންތަން ބަންދުކުރުމުގެ އަމުރު ކޯޓުތަކަށް ނެރެވޭ ގޮތް ހެދުމަށެވެ.
ގާނޫނަށް ގެނައި އެ އިސްލާހަށް އަމަލު ކުރަން ފެށީ މިދިޔަ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ.
ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 100،000 ރުފިޔާގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެކެވެ. އަދި މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގޭ ހާލު އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ކުށްވެރިވާނެ ކަމެއް ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށް، އެ ފަރާތްތަކަށް ވެސް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވެއެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު