Advertisement

ޓްރަމްޕް މަގާމުން ވަކިކުރުމުގެ ތިންވަނަ މައްސަލަ ޑިމޮކްރެޓުން ހުށަހަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމަލުކުރައްވާ ގޮތާ މެދު ސުވާލު އުފައްދައި، އެމަނިކުފާނު މަގާމުން ވަކިކުރުމުގެ (އިމްޕީޗްމަންޓް) ތިންވަނަ މައްސަލައެއް އެމެރިކާގެ މަންދޫބު ޖޯން ލާސަން ހުށަހަޅުއްވައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ އީރާނާ މެދު ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ބަސްމަގާއި، ދެއްވަމުންދާ އިންޒާރުތަކާ ގުޅިގެން ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ހުށަހެޅިފައިވާ އިމްޕީޗްމަންޓް މާއްދާތަކުގައި ޓްރަމްޕްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، ބާރުގެ ބޭނުން ނަހަމަގޮތުގައި ހިއްޕެވުމާއި، ޚާރިޖީ ސިޔާސަތާ ގުޅުންހުރި ކަންކަމުގައި ނުރަނގަޅު އަމަލުތައް ހިންގެވުމެވެ. ޚާއްޞަކޮށް، ގިނަ އަދަދެއްގެ އާންމުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ބަސްމަގު ބޭނުންކުރެއްވުމާ ގުޅޭ ތުހުމަތުތައް މީގެ ތެރޭގައި ހިމެނެއެވެ. ލާސަން ހުށަހެޅުއްވި މި ގަރާރު މިހާރު ވަނީ މުރާޖައާ ކުރުމަށްޓަކައި ހައުސް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

Advertisement

“މިއީ ހަމައެކަނި ބަސްމަގު ހުރި ގޮތުގެ މައްސަލައެއް ނޫން. މިއީ އަޅުގަނޑުމެންގެ ގައުމުގެ އަބުރު ހިމާޔަތްކުރުމާއި، އެއްވެސް ފަރުދަކީ ގާނޫނަށްވުރެ މަތީގައި ހުރި މީހެއް ނޫންކަން ކަށަވަރުކުރުމުގެ މައްސަލައެއް،” ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލާސަން ވިދާޅުވިއެވެ.

މި ހުށަހެޅުމަކީ ސިޔާސީ ގޮތުން ވަރުގަދަ މެސެޖެއް ނަމަވެސް، ރައީސް މަގާމުން ވަކިކުރުމުގެ ފުރުސަތު އޮތީ ވަރަށް ހަނިކޮށެވެ. ސަބަބަކީ ހައުސްގެ މުހިންމު ކޮމިޓީތަކުގެ ކޮންޓްރޯލް މިހާރު އޮތީ ރިޕަބްލިކަން ޕާޓީގެ އަތުގައި ކަމަށް ވެފައި، މުޅި ހައުސްއިން މިކަން ފާސްކުރި ނަމަވެސް، ސެނެޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ނޫނީ މަގާމުން ވަކިނުކުރެވޭނެތީއެވެ. މިވަގުތުގެ ހާލަތަށް ބަލާއިރު އެއީ ވުމަށްވުރެ ނުވުން ގާތް ކަމެއްގެ ގޮތުގައި ބެލެވެއެވެ.

ޑިމޮކްރެޓިކް ޕާޓީގެ އެހެން ބައެއް މެންބަރުންވެސް ވަނީ ޓްރަމްޕްގެ ޒިންމާދާރުކަން ކުޑަ ޚާރިޖީ ސިޔާސަތަކީ ގައުމީ އަދި ބައިނަލްއަގުވާމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެމަނިކުފާނު މަގާމުން ވަކިކުރުމަށް ގޮވާލާފައެވެ. މީގެ އިތުރުން، މަގާމުން ވަކިކުރުމުގެ އެހެން ގޮތެއްގެ ގޮތުން ގާނޫނުއަސާސީގެ 25 ވަނަ އިސްލާހުގެ ބޭނުން ހިފުމަށް ބައެއް ފަރާތްތަކުން ލަފާދީފައިވެއެވެ. ނަމަވެސް އެއީ ކެބިނެޓުގެ ބައިވެރިވުން ބޭނުންވާ، އަމަލީ ގޮތުން ތަންފީޒުކުރަން އުނދަގޫ މަރުހަލާއެކެވެ.

މި މައްސަލާގައި އާންމުންގެ މެދުގައި އޮތް ހިޔާލުތައް ވަނީ ސިޔާސީ ފިކުރާ އެއްގޮތަށް ބެހިފައެވެ. ފަހުގެ ސާވޭތަކުން ދައްކާ ގޮތުގައި ޑިމޮކްރެޓުންނާއި ވަކި ފަރާތަކަށް ނުޖެހޭ ގިނަ ބަޔަކު އިމްޕީޗްމަންޓަށް ތާއީދުކުރާއިރު، ރިޕަބްލިކަން ޕާޓީގެ ގިނަ ބަޔަކު އަދިވެސް ތިބީ ޓްރަމްޕްގެ އަމަލުތަކަށް ތާއީދުކުރާށެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި، މި ހުށަހެޅުމުގެ ސަބަބުން ރައީސާ މެދު ވަގުތުން ގާނޫނީ ފިޔަވަޅެއް އެޅުމަކީ ދުރު ކަމެއް ނަމަވެސް، މިއީ އެމަނިކުފާނުގެ ލީޑަރޝިޕަށް ސިޔާސީ ގޮތުންނާއި، އާންމުންގެ ފަރާތުން ކުރިމަތިވާ ފާޑުކިޔުންތައް އިތުރުވަމުންދާ ކަމުގެ ނިޝާނެކެވެ.

މި މައްސަލަ ކޮމިޓީ މަރުހަލާގައި ކުރިއަށްދާއިރު، ބައިބައިވެފައިވާ ކޮންގްރެސްއެއްގެ ތެރެއިން މިކަން ކުރިއަށް ގެންދިއުމަކީ ޑިމޮކްރެޓުންނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. އޮބްޒާވަރުން ފާހަގަކުރާ ގޮތުގައި، މި ހުށަހެޅުމުގެ ސަބަބުން ވޮޝިންގޓަންގެ ސިޔާސީ މަޝްރަހުގައި މިހާރުވެސް އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި