އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް އިސްރާއީލާއި އެމެރިކާއިން ދީފައިވާ ހަމަލާތަކާ ގުޅިގެން، އދ ގެ ސަލާމަތީ މަޖިލީހުގެ ސިއްރު މަޝްވަރާ ބައްދަލުވުމެއް މިއަދު ހެނދުނު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ބައްދަލުވުން ބޭއްވުމަށް އެދިފައިވަނީ ރަޝިޔާއިންނެވެ. އދ ގެ ޑިޕްލޮމެޓުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާއިން އެ ބައްދަލުވުމަށް އެދުނީ އީރާނުގެ އާންމު ހިދުމަތްތައް ދޭ ތަންތަނަށް ދީފައިވާ ހަމަލާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށެވެ. އެ ބައްދަލުވުމަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމަކަށް ނުވާތީ، އެ މަޢުލޫމާތު ހިއްސާކުރި ޑިޕްލޮމެޓުން ވާހަކަދައްކާފައިވަނީ ނަން ހާމަނުކުރުމަށް ޝަރުތުކޮށްފައެވެ.
މިވަގުތު އދ ގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަނީ އެމެރިކާއިންނެވެ. ބައްދަލުވުން ބޭއްވުމަށް ރަޝިޔާއިން އެދުމާ ގުޅިގެން، އެމެރިކާއިން ވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތަކަށް މި ބައްދަލުވުން ތާވަލުކޮށްފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ އީރާނަށް ދެވުނު ހަމަލާތަކުގެ ސަބަބުން ސަރަހައްދީ މަސްލަހަތަށް ކުރާނެ އަސަރުތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް މަދަނީ ތަންތަނަށް ހަމަލާދިނުމާ ގުޅޭގޮތުންނެވެ. އިސްރާއީލުން ފަލަސްތީނާއި އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު