ކުވައިތުގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ތެޔޮ ޓާމިނަލްއަކަށް އީރާނުގެ ޑްރޯންތަކުން ހަމަލާދިނުމުގެ ސަބަބުން އެ ސަރަހައްދުގައި އަލިފާން ރޯވެފައިވާ ކަަމަށް ކުވައިތުގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެމެރިކާ އާއި އިސްރާއީލުން، އީރާނާ ދެކޮޅަށް ދެމުން އަންނަ ހަމަލަތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދަނީ މެދުއިރުމަތީ ސަރަހައްދުގައި ހުންނަ އެމެރިކާގެ ތަންތަނަށްވެސް ހަމަލާތަކެއް ދެމުންނެވެ.
ކުވައިތުގެ ރަސްމީ ތަރުޖަމާން އަބްދުﷲ އަލް ރާޖީ ވިދާޅުވީ، ފުރަތަމަ ރިޕޯޓުތަކުން އެނގޭ ގޮތުގައި މި ހަމަލާގައި މުދަލަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، މީހަކަށް އަނިޔާވެފައިވާ ނުވާ ކަމަށެވެ.
އޮފިޝަލުން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފެށި ކަމަށާއި އަލިފާން ނިއްވާ ޓީމުތަކާއި ކަމާ ބެހޭ އިދާރާތަކުން ވެސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަަމަށެވެ.
އަދި އެ ސަރަހައްދަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ ކުރިންވެސް އީރާނުން ވަނީ ކުވައިތަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. އަދި މީގެ ކުރިން އެ ގައުމުގެ ތެޔޮ ގުދަނަކަށްވެސް އީރާނުގެ ހަމަލާއެއް އަމާޒުވެ، އަލިފާނުގެ ހާދިސާއެއް ހިނގިއެވެ.


ކިޔުންތެރިންގެ ހިޔާލު