ސޮނީ ޓީވީން ގެނެސްދެމުން އަންނަ ޝޯއެއް ކަމަށްވާ ކޯން ބަނޭގާ ކަރޯޑް ޕަތީ (ކޭބީސީ) ހޯސްޓު ކުރުމަށް ސަލްމާން ހާން ހަމަޖައްސާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އެ ޝޯ އަމީތާބް ބައްޗަން ހޯސްޓްކުރާނެ ކަން އޭނާ އިއުލާނުކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރި ގޮތުގައި އަމިއްލަ ސަބަބުތަކަކާ ގުޅިގެން އަމީތާބް ކޭބީސީގެ ސީޒަން 17 ހުށަނާޅާނެއެވެ. އަދި އެ ޝޯ ހޯސްޓްކުރާނީ ސަލްމާން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ނަމަވެސް އެ ވާހަކަތައް އަމީތާބް އޭނާގެ ޓަމްބްލާ އެކައުންޓްގައި ކުރި ޕޯސްޓެއްގައި ވަނީ ދޮގުކޮށްފައެވެ. ކޭބީސީގެ ސެޓްގެ ފޮޓޯތައް އޭނާ ހިއްސާކޮށްފައި ކުރި ޕޯސްޓްގައި ބުނެފައިވަނީ ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށެވެ. އަދި މި ފަހަރު ވެސް ހޯސްޓްކުރަނީ އޭނާ ކަމަށް އަމީތާބް ބުނެފައިވެއެވެ.
ސޮނީ ޓީވީން “ކޭބިސީ” ގެނެސްދޭން ފެށީ 2000 ވަނަ އަހަރުން ފެށިގެންނެވެ. މި ޝޯ އަކީ “ހޫ ވޯންޓްސް ޓު ބީ އަ ބިލިއަނާ؟” ގެ ހިންދީ ވާޝަނެވެ. އެ ޝޯ ފެށުނީއްސުރެ މިހާތަނަށް ހޯސްޓް ކުރަމުން ގެންދިޔައީ އަމީތާބެވެ.


ކިޔުންތެރިންގެ ހިޔާލު