ބޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް ފިލްމެއް ކަމަށްވާ ބާގީގެ 4 ވަނަ ބައިގެ ޝޫޓިން ނިންމާލައިފިއެވެ.
މިކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް ޓައިގާ ވަނީ އާ ފިލްމަކީ ވަރުގަދަ ލޭހޮރުވުންތަކެއް ފެންނާނެ ފިލްމެއް ކަމަށް ބުނެފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި “ބާގީ 4” އަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ޖޯން އަބްރަހަމްގެ “ވޭދާ” ގެނެސްދިން އޭ ހަރްޝާއެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ “ބާގީ 4″ގެ ވިލަން އަކީ ސަންޖޭ ދަތެވެ. ފިލްމުގެ ބަތަލާއިންނަކީ 2021 ގެ މިސް ޔުނިވާސް ހަރްނާޒް ސަންދޫ އާއި ސޯނަމް ބަޖްވާއެވެ.
ދެހާސް ވިހި ވަނަ އަހަރު ރިލީޒްކުރި “ބާގީ 3” އާއި 2016 ވަނަ އަހަރު ނެރުނު “ބާގީ”ގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ. އަދި 2018ގެ “ބާގީ 2” ގެ ބަތަލާ އަކީ ޓައިގާގެ ކުރީގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ.
“ބާގީ”ގެ ފުރަތަމަ ބައި ސަބީރް ޚާން ޑައިރެކްޓްކުރި އިރު، އަނެއް ދެ ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ކޮރިއޮގްރާފަރު އަހުމަދު ޚާނެވެ.
ބޮލީވުޑްގެ މިހާރުގެ އެންމެ ވަރުގަދަ އެކްޝަން ތަރިންގެ ތެރޭގައި ހިމެނޭ ޓައިގާގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 1 ގައި ރިލީޒްކުރި ރޯހިތު ޝެޓީގެ “ސިންގަމް އެގެއިން” އެވެ.


ކިޔުންތެރިންގެ ހިޔާލު