އޭޝިޔާގެ އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު އާނަންތު އަމްބާނީ އާއި އޭނާގެ އަންހެނުން ރާދިކާ މާޗަންޓު ޗުއްޓީ ހޭދަކުރުމަށް އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.
ޓޫރިޒަމް ދާއިރާގެ ޚަބަރުތައް ގެނެސްދޭ “ހޮޓެލިއާ މޯލްޑިވްސް” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެމަފިރިން މިފަހަރުގެ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.
މި ދެމަފިރިންނަކީ ދާދި ފަހުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބައެކެވެ. އެ ފަހަރު އާނަންތު އާއި ރާދިކާ މަޑުކުރީ ހދ. މަކުނުދޫ ފަޅުގައި އަލަށް ހުޅުވި ސޮނެވާ ސީކްރެޓް ރިސޯޓުގައެވެ.
މި ދަތުރުގައިވެސް އެ ދެމަފިރިންގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. ހޮޓެލިއާ މޯލްޑިވްސްއިން ބުނި ގޮތުގައި، އެ ދެމަފިރިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި 50 މީހުންގެ ޓީމެއް ރާއްޖެ ގެނެސްފައިވެއެވެ. މީގެ އިތުރުން، ކުއްލި ހާލަތެއްގައި ބޭނުންކުރުމަށްޓަކައި ދެ ސީޕްލޭން އަބަދުވެސް ރިސޯޓުގައި ތައްޔާރީ ހާލަތުގައި (ސްޓޭންޑްބައިގައި) ބާއްވާފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އާނަންތު އަމްބާނީގެ ބައްޕަ، މުކޭޝް އަމްބާނީއަކީ ފޯބްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގެ 18 ވަނައަށް އެންމެ މުއްސަނދި މީހާއެވެ. އަދި އޭނާއަކީ މުޅި އޭޝިޔާ ބައްރުގައިވެސް ހުރި އެންމެ މުއްސަނދި ފަރާތެވެ. އޭނާގެ މިލްކިއްޔާތުގެ އަގު ގާތްގަނޑަކަށް 92.5 ބިލިޔަން ޑޮލަރަށް އަރައެވެ.
އަމްބާނީ އާއިލާގެ މެންބަރުންނަކީ އާންމުކޮށްވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ބައެކެވެ. މިފަދަ ނުފޫޒުގަދަ ޝަޚުޞިއްޔަތުތައް ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު އިޝްތިހާރެކެވެ.


ކިޔުންތެރިންގެ ހިޔާލު