ސީރިޔާގެ ދާހިލީ ހަނގުރާމަ ހަތަރު ދުވަހަށް ހުއްޓާލައިފިއެވެ.
ސީރިޔާގެ އެކި ސަރަހައްދުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކާއި ސަރުކާރުގެ ސިފައިންނާ ދެމެދު ވަނީ ކުރިމަތިލުންތައް ފެށިފައެވެ.
އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސީރިޔާގެ ސަރުކާރުން ވަނީ މިއަދުން ފެށިގެން ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް ހުށަހަޅާފައެވެ. އަދި ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ވެސް ވަނީ އެ ހުށަހެޅުން ގަބޫލްކޮށް ހަނގުރާމަ މަޑުޖައްސާލުމަށް އެއްބަސްވެފައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެސްޑީއެފްއިން ބުނެފައިވަނީ ހަމަލާއެއް ނުދޭނަމަ އެ މީހުން ވެސް އެއްވެސް ހަމަލާއެއް ނުދޭނެކަމަށެވެ.
ސީރިޔާގެ ސަރުކާރުން ވަނީ އެސްޑީއެފްގެ ފަރާތުން ދަމަސްކަސްގެ އެސިސްޓެންޓް ޑިފެންސް މިނިސްޓަރުގެ މަގާމަށް މީހަކު ހަމަޖެއްސުމަށް ނަމެއް ހުށަހެޅުމުގެ ފުރުސަތު ވެސް ދީފައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވިތާ މާގިނައިރު ތަކެއްނުވެ ސީރިއާ ސަރުކާރުގެ ސިފައިން ވަނީ ތަލް ބައުރީދް އަދި ހަސަކް ސަރަހައްދަށް ހަމަލާތަށް ދީފައި ކަމަށް އެސްޑީއެފްއިން ބުނެފައި ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.
ސީރިޔާގެ އެކި ސަރަހައްދުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކާއި ސަރުކާރުގެ ސިފައިންނާ ދެމެދު އަލުން ކުރިމަތިލުންތައް ފެށިފައި ވަނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހުގައެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން އެ ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެދާނެތީ، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު