ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ރާޖްކުމާރު ރާއޯ އަދި އޭނާގެ އަންހެނުންނަށް ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ސަޕޯޓަރުންނާ ހިއްސާކޮށްފިއެވެ.
ބުދަ ދުވަހު މި ދެމަފިރިން ވަނީ އެ ދެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ ކަމުގެ ޕޯސްޓެއް އެމީހުންގެ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. މި ހަބަރު ވެގެން ދިޔައީ ސަޕޯޓަރުންނަށް ލިބިގެން ދިޔަ އުފާވެރި ހަބަރަކަށެވެ.
ދެމަފިރިން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ކުޑަ އެނދަކާއި ސިޓީ އުރައެއް ދައްކާލައި، “އަހަރުމެންގެ ތުއްތު ފުރާނަ އަންނަނީ” ކަމަށް ބުނެފައިވެއެވެ. އަދި މި ފޮޓޯގައި ދެމަފިރިންގެ ނަން ވެސް ލިޔެފައިވެއެވެ.
މި ޕޯސްޓާއެކު އެމީހުންގެ ރަހުމަތްތެރިން ވަނީ އެ ޕޯސްޓްގެ ދަށުގައި ދެމެފިރިންނަށް މަރުހަބާ ކިޔައި ލޯބި މެސެޖްތަކެއް ލިޔެފައެވެ. މީގެ ތެރޭގައި ބޮލީވުޑް އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ނޭހާ ދުޕިއާ، ސޮނަމް ކަޕޫރް ފަދަ އެކްޓަރުން ހިމެނެއެވެ.
ރާއޯ އަދި އަންހެނުން ޕަތްރެލިކާ ކައިވެނި ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ނިވެންބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. މި ދެމަފިރިންގެ ކައިވެނީގެ ހަބަރު ދީފައި ވަނީ އެމީހުން މީސްމީޑިއާގައި ކޮސްފައިވާ ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި އެދެމީހުންގެ 11 އަހަރުގެ ގުޅުމާއި ކައިވެނީގެ އުފާވެރި ވާހަކަތައް ހިމަނާފައިވެއެވެ.
މިދެމަފިރިން ނަކީ ގިނަ މަސައްކަތްތަކެއް އެކުގައި ކުރި ދެމީހުންނެވެ. މީގެ ތެރޭގައި ސިޓީލައިޓް ފިލްމާއި ދަ އެބް ސީރީޒް ބޯސް ޑެޑް އޯރް އެލައިވް ހިމެނެއެވެ.
ޕަތްރެލިކާ އެންމެ ފަހުން ފެނިފައި ވަނީ ފޫލެ ފިލްމުންނެވެ. މިއީ އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އަނަންތް މަހަދޭވް ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ހަމަމިއާއެކު ރާޖްކުމާރް ‘މާލިކް’ ފިލްމުން ފެނިގެންދާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު