އިންޑިއާގެ ދިއްލީގައި ދުންފިނީގެ އަސަރު ވަރަށް ބޮޑަށް ގަދަވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 12 މީހަކަށް އަނިޔާވެއްޖެއެވެ.
އެންޑީޓީވީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ދިއްލީގައި ދުންފުނީގެ އަސަރު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އަދި އޭގެ ސަބަބުން ލަކްނައު ދިއްލީ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެގޮތުން މަގުތައް ފެންނަ މިންވަރު ދަށްވެ 10 އުޅަނދު ވަނީ އެކްސިޑެންޓްވެފައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ކާރާއި ބަސް ހިމެނޭ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.އެ ހާދިސާގައި 12 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.
އެކްސިޑެންޓާއި ގުޅިގެން ދިއްލީ ހައިވޭގައި ޓްރެފިކް ފްލޯ ލަސްވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ދުރު ފެންނަ މިންވަރު ކުޑަވުމުން ދިއްލީއާ ކައިރި ސަރަހައްދުތަކާއި ގުޅުވައިދޭ މައި މަގުތަކާއި ހައިވޭތަކުގައި ވެހިކަލްތައް ދުއްވަމުން ދަނީ ވަރަށް މަޑު ދުވެއްޔެއްގައެވެ.
އިންޑިއާގެ މޫސުމާ ބެހޭ އޮފިޝަލުން ވަނީ މި ހަފްތާގައި ދިއްލީގައި ދުންފިނި ވަރަށް ގަދައަށް އުފެދޭނެ ކަމަށާއި ފަތިހާއި ހެދުނުގެ ވަގުތުތަކުގައި އަސަރު ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު