ބޮލީވުޑްގެ ތަރިން ކަމަށްވާ ރާނީ މުކަރްޖީ އާއި އަކްޝޭ ކުމާރް ފުރަތަމަ ފަހަރަށް އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ރާނީ އާއި އަކްޝޭ އެކުގައި ކުޅޭ ފުރަތަމަ ފިލްމަކީ އަކްޝޭގެ ކާމިޔާބު ފިލްމު ފްރެންޗައިޒް “އޯ މައި ގޯޑް”ގެ ތިންވަނަ ފިލްމެވެ.

Advertisement

އެ ފިލްމުގެ ލީޑް އެކްޓްރެސްގެ ރޯލު ކުޅެން ރާނީ އެއްބަސްވެފައިވާ ކަމަށް ނޫސްތަކުގައި ބުނި ނަމަވެސް، ރަސްމީކޮށް އެކަން އަދި އިއުލާންކޮށްފައި ނުވެ އެވެ.

“އޯ މައި ގޯޑް”ގެ ތިން ވަނަ ފިލްމުގެ ޕްރީ ޕްރޮަޑަކްޝަންގެ މަސައްކަތްތައް ފަށާފައިވާއިރު، މި އަހަރު މެދު ތެރޭގައި އެ ފިލްމުގެ މަންޒަރުތައް ނަގަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

އަކްޝޭ އާއި ރާނީ މީގެ ކުރިން އެކުގައި އެއްވެސް ފިލްމެއްގައި މަސައްކަތްކޮށްފައި ނުވެ އެވެ. އެ ދެތަރިން އެކުގައި “މުލާކާތު” ކިޔާ ފިލްމެއްގައި 1997 ވަނަ އަހަރު މަސައްކަތް ކުރަން އުޅުނު ނަމަވެސް، އެކި ސަބަބުތަކާ ހެދި އެ ފިލްމުގެ މަސައްކަތް ހުއްޓާލީ އެވެ.

“އޯ މައި ގޯޑް”ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2012 ވަނަ އަހަރު އެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އެ ފިލްމުގެ ދެވަނަ ބައި ގެނެސްދިނީ 2023 ވަނަ އަހަރެވެ. އެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނެވެ.

“އޯ މައި ގޯޑް”ގެ ފުރަތަމަ ފިލްމުގައި އަކްޝޭއާ އެކު މުހިންމު ރޯލުތައް ކުޅުނީ ޕަރޭޝް ރަވާލް އާއި މިތުން ޗަކޮރަބަތީ އެވެ. އަދި ދެވަނަ ފިލްމުގައި މުހިންމު ރޯލުތަކުން ފެނުނީ ޕަންކަޖު ތުރިޕާޓީ އާއި ޔަމީ ގޯތަމް އެވެ.