އަވަށްޓެރި ލަންކާގައި ހިނގަމުންދާ މޫސުމީ ކާރިސާގެ ސަބަބުން އެ ގައުމުގެ ގިނަ ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ގޮއްސި ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.
އެގޮތުން ކެންޑީ، މައްލަވަޕިޓިޔާ، ގެޓްޓޫވާނާ، ކުރޫނޭގަލާ، މަވަތަގަމާ، އަދި ކޮޓްމާލޭ ފަދަ ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެ ސަރަހައްދުތަކުން ގެއްލުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ލޯކަލް އޮތޯރިޓީތަކުން ބުނާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ބައެއް މީހުން ހޯދުމާއި ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގެއްލުން ލިބުނު އެތައް ތަނަކުން އެތައް ބަޔަކު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ފުލުހުންނާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރ (ޑީއެމްސީ) އިންނާއި އަސްކަރިއްޔާގެ ރެސްކިއު ޓީމުތަކުން ދަނީ އެ ސަރަހައްދުތަކަށް ވަނުމަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް އެ ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.
ކުރިއަށް އޮތް ބޯ ވިއްސާރައިގެ ސަބަބުން އިތުރު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވުމުގެ ނުރައްކާ ދެމިއޮތުމުން ރިސްކް ބޮޑު އަދި އުސް ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.
ރެނދުތަކާއި، އާދަޔާ ހިލާފު ބިމުގެ ހަރަކާތްތަކާއި، ނުވަތަ ކުއްލިއަކަށް ފެން ފޭބުން ފަދަ ކަންކަން ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ރައްކާތެރި ތަންތަނަށް ބަދަލުވުމަށް އޮފިޝަލުން ވަނީ އެދިފައެވެ.
އަވަށްޓެރި ލަންކާގައި ދިމާވެފައިވާ މޫސުމީ ކާރިސާގެ ސަބަބުން މިހާތަނަށް 12 ޑިސްޓްރިކްޓަކުން ޖުމްލަ 123 މީހަކު ވަނީ މަރުވެފައެވެ.
ޑީއެމްސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 130 މީހަކު ގެއްލިގެން ވަނީ ރިޕޯޓް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު