ތޫފާން “ދިޓްވާ”ގެ ސަބަބުން ލަންކާގައި މޫސުމީ ބޮޑު ކާރިސާއެއް ކުރިމަތިވުމާއެކު އެ ގައުމަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ވަގުތުން 2 މިލިއަން ޑޮލަރުގެ އެހީތެރިކަން ލަންކާއަށް ދޭން ނިންމާފައިވާ ކަމަށް އިއުލާންކޮށްފިއެވެ.
އަވަށްޓެރި ލަންކާގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޫލީ ޗުންގް ވިދާޅުވީ ލަންކާގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ގިނަ ސަރަހައްދުތަކުގައި އިންތިހާއަށް ފެންބޮޑުވުމުން އެ ގައުމަށް “އުނދަގޫ ދުވަސްތަކެއް” ކުރިމަތިވެފައިވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ މި ދަތިކަމުގެ ތެރޭގައި ލަންކާއާއެކު އެމެރިކާއިން ދެމިއޮތް ކަމަށާއި، އެކަމުގެ އަސަރު ކުރި އާއިލާތަކަށް އެހީތެރިވުމަށް އެމެރިކާއިން ވަކާލާތު ކުރިކަން ކަށަވަރުކޮށްދޭ ކަމަށެވެ.
ސަފީރު ވިދާޅުވީ އެ ދެ މިލިއަން ޑޮލަރު ލަންކާގެ އެހީއަށް ޓަކައި ބޭނުން ކުރެވޭ ކަމަށެވެ. ކާރިސާއިން އަރައިގަނެ ލަންކާ އަލުން ބިނާކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާއިރު، ދެ ގައުމުގެ މެދުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ޕާޓްނަޝިޕް ދައްކުވައިދޭ އަވަސް އެހީގެ އޮޕަރޭޝަންތަކަށް ފައިސާ ދޭނެ ކަމަށް ސަފީރު އިތުރަށް ވިދާޅުވިއެވެ.
އެމެރިކާއިން އެހީ ފޯރުކޮށްދީފައި ވަނީ އަވަށްޓެރި ލަންކާއަށް އިންތިހާއަށް މޫސުން ގޯސްވުމުން އެ ގައުމުން ބައިނަލްއަގްވާމީ އެހީއަށް އެދިފައިވާ ދަނޑިވަޅެއްގައެވެ. ސްރީލަންކާގެ ސަރުކާރުން އެދިފައިވަނީ އެ ގައުމުގެ ރައްޔިތުންނާއި ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ކާރިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އެގޮތުން ކާރިސާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރިލީފް ޓީމެއް ވެސް މިއަދު ވަނީ ލަންކާއަށް ދަތުރުކޮށްފައެވެ.
ރާއްޖެއިން ވެސް އަވަށްޓެރި ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖެއިން ލަންކާއަށް 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް ހަދިޔާ ކުރާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު