ސްރީލަންކާގައި އެއް ހަފްތާއަށް އިމަޖެންސީ މިރޭ އިއުލާންކޮށްފިއެވެ.
ލަންކާގައި އިމަޖެންސީ އިއުލާންކޮށްފައިވަނީ އެ ގައުމުގެ ސިއްހީ ދާއިރާއިންނެވެ. ސިއްހީ ދާއިރާ އިން އިމަޖެންސީ އިއުލާންކޮށްފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ.
ހެލްތް މިނިސްޓްރީގެ ސެކްރެޓަރީ ޑރ އަނިލް ޖަޔަސިންހު ނެރެފައިވާ ރަސްމީ ބަޔާނެއްގައި ވަނީ ކާރިސާއާ ގުޅިގެން ސިއްހީ ހިދުމަތްދޭ ތަންތަނުގައި 24 ގަޑިއިރު ހިދުމަތް ދެމުންދާނެ ގޮތް ހާމަކުރައްވައިފައެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ޗުއްޓީ ދިނުން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. އަދި ހޮސްޕިޓަލްތަކުގެ ޑިރެކްޓަރުންނަށާއި އަދި އެތަންތަނުގެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ވެސް އެތަން ތަނުގައި ދެމުން އަންނަ ހިދުމަތަށް ފުށޫ ނާރާ ގޮތަށް މުވައްޒަފުންގެ ކަންކަން ރޭވުމަށް ވަނީ އަންގަވައިފައެވެ.
ކާރިސާ ހިނގައިގެން އުޅޭ ސަރަހައްދުތަކުގައި ތިބި ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުންގެ ތެރެއިން ސަލާމަތްކަމާއެކު ދެވެން ތިބި މީހުން ފޮނުވާލުމަށާއި އަދި ސިއްހީ ހިދުމަތަށް ބޭނުން ކުރާ ސާމާނާއި އަދި ހިދުމަތް ދޭ ތަންތަން އެހެން ރައްކާތެރި ހިސާބަކަށް ބަދަލު ކުރުމަށް އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު