އަވަށްޓެރި ސްރީލަންކާއަށް ތޫފާނެއް އަރައި އެ ގައުމަށް ކުރަމުން އަންނަ ގަދަ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން ބައިނަލްއަގުވާމީ އެހީއަށް އެދިއްޖެއެވެ.
ސްރީލަންކާގެ ސަރުކާރުން އެދިފައިވަނީ އެ ގައުމުގެ ރައްޔިތުންނާއި ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ކާރިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ރައީސް އޮފީހުގެ މީޑިއާ ޑިވިޝަން އިން ވިދާޅުވެފައިވަނީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ބޭނުން ކުރުމަށް ހާއްސަ ކުރެވިފައިވާ ބޭންކް އެކައުންޓްގެ ތަފްސީލު އެގައުމުގައި ހުންނަ ސްރީލަންކަން ޑިޕްލޮމެޓިކް މިޝަންސް އެބްރޯޑް އާއި އަދި ފޮރިން މިޝަންސް އިން ލިބެން ހުންނާނެ ކަމަށެވެ. އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކައި ސްރީލަންކާގެ ފައިސާއިން އެހީވެވޭ ގޮތަށް އެކައުންޓަކާއި އަދި ޑޮލަރުން އެހީތެރިވާން ބޭނުން ފަރާތްތަކަށް ވެސް ވަކި އެކައުންޓެއް ހުޅުވާފައިވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި މައުލޫމާތު ހިއްސާކޮށްފައިވަނީ އެގައުމުގެ ބޮޑުވަޒީރު ހަރިނީ އަމަރަސޫރިޔާ އާއި އެ ގައުމުގެ މިނިސްޓަ އޮފް ފޮރިން އެފެއާޒް ވިޖިތަ ހެރަތް އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި އެގައުމުގައި ތިބި ބޭރުގެ ސަފީރުން ބައިވެރިވަޑައިގެންފައިވެއެވެ.
“ދިޓްވާ” ތޫފާން ސްރީލަންކާ އަށް އަރާފައިވާތީ ގަދަވަޔާއެކު ކަނޑު ގަދަވެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފައެވެ. މުޅި ލަންކާ އަށް ރަތް ސަމާލު ނެރެ ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރެއް ވަނީ ނެރެފައެވެ.
ލަންކާ ސަރުކާރުން ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން، ހާއްސަ ހިދުމަތްތައް ފިޔަވައި، ހުރިހާ ސަރުކާރުގެ މުއައްސަސާތަކަށް މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ކަނޑައަޅައިފައެވެ.


ކިޔުންތެރިންގެ ހިޔާލު