ޕާކިސްތާނުގެ ވައިގެ ސަރަހައްދުގައި އިންޑިއާގެ މަތިންދާބޯޓުތައް މަނާކުރުމުގެ މުއްދަތު ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ޕާކިސްތާން އެއާޕޯޓްސް އޮތޯރިޓީ (ޕީއޭއޭ) އިން ނޯޓިސް ދީފައިވާ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދީފިއެވެ.
މި މުއްދަތު އިތުރުކޮށްފައި ވަނީ ކުރިން ކަނޑައެޅި ހުރަސް ހަމަވާން އެންމެ ހަތަރު ދުވަސް އޮއްވައެވެ.
އިންޑިއާގެ ޕަހަލްގަމްގައި ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން އޭޕްރީލް މަހުގެ ފަހުކޮޅު އިންޑިއާ އާއި ޕާކިސްތާނުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދުތައް އެއްގައުމު އަނެއް ގައުމުގެ އެއާލައިންތަކަށް ބަންދުކޮށްފައެވެ. ޕާކިސްތާނުން އެންމެ ފަހުން އެ މަނާކުރުމުގެ މުއްދަތު އިތުރުކުރީ އޮކްޓޯބަރު މަހުގެ މެދުތެރޭގައެވެ. އެ މަނާކުރުމުގެ މުއްދަތު ހަމަވާން ކުރިން ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހަށެވެ.
ނޮވެމްބަރު 19 ވަނަ ދުވަހުގެ ޕާކިސްތާން ގަޑިން މެންދުރު 2:50 އިން ފެށިގެން ޑިސެމްބަރު 24 ވަނަ ދުވަހުގެ ހެނދުނު 4:59 އަށް އަމަލުކުރާ އެންމެ ފަހުގެ ނޯޓިސް ތަންފީޒު ކުރެވޭނީ އިންޑިއާގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ މަތިންދާބޯޓުތަކުގެ އިތުރުން އިންޑިއަން އެއާލައިންސްގެ މިލްކުވެރިކަމުގައިވާ، އޮޕަރޭޓްކުރާ ނުވަތަ ކުއްޔަށް ހިފާފައިވާ ބޯޓުތަކަށެވެ. މި ބަންދުކުރުމުގެ ސަބަބުން ޕާކިސްތާނުގެ ފްލައިޓް އިންފޮމޭޝަން ރީޖަންސް (އެފްއައިއާރު) ކަރާޗީ (އޯޕީކޭއާރު) އަދި ލާހޯރު (އޯޕީއެލްއާރު) ގެ ހުރިހާ މަތިންދާބޯޓު ދަތުރުކުރާ ސަރަހައްދުތައް ހިމެނެއެވެ.
މި މަނާކުރުމުގެ ސަބަބުން އިންޑިއާގެ ފްލައިޓްތަކަށް މާލީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވެއެވެ. އިންޑިއާގެ އެންމެ ބޮޑު ބައިނަލްއަގްވާމީ އެއާލައިން އެއާ އިންޑިއާ އިން ޗައިނާގެ ޝިންޖިއަންގް ވައިގެ ސަރަހައްދަށް ވަދެވޭނެ ގޮތް ހެދުމަށް ސަރުކާރަށް ލޮބީ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ އެއާލައިނަށް ވަނީ ތެލުގެ އަގު %29 އާއި ހަމައަށް އިތުރުވެ، ބައެއް ރޫޓުތަކުގައި ދަތުރުކުރާ ވަގުތު ތިން ގަޑިއިރާ ހަމައަށް އިތުރުވެފައެވެ. އެ ކުންފުނިން ލަފާކުރާ ގޮތުގައި މި މަނާކުރުމުގެ ސަބަބުން އަހަރީ ފައިދާގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ ގާތްގަނޑަކަށް 455 މިލިއަން ޑޮލަރު ގެއްލޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ 2024 ވަނަ އަހަރު ގެއްލުނު ކަމަަށް ރިޕޯޓު ކުރި އަދަދަށްވުރެ ބޮޑު އަދަދެކެވެ.
އިންޑިގޯ ހިމެނޭ ގޮތަށް އިންޑިއާގެ އެހެން ފްލައިޓްތަކަށް ވެސް ދަތުރުތައް ރީރޫޓް ކުރުމުން އޮޕަރޭޝަނަލް ހަރަދު ބޮޑުވެ ދަތުރުތައް ދިގުވާން މި ނިންމުމުގެ ސަބަބުން ވަނީ މަޖުބޫރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު