އިންޑިއާގެ ދިއްލީ، މުމްބާއީ، ހައިދަރުއާބާދު، ޗެންނާއީ އަދި ތިރުވަނަންތަޕޫރަމް ހިމެނޭހެން ފަސް އެއާޕޯޓަކަށް ބޮން ގޮއްވާލާނެ ކަމުގެ އިންޒާރޫގެ އީމެއިލްއެއް އިންޑިއާގެ އެއާލައިނެއް ކަމަށްވާ އިންޑިގޯއަށް ލިބިއްޖެއެވެ.
އެ އެއާލައިނަށް މިއަދު މެންދުރު ލިބުނު އިންޒާރުގެ މެއިލްގައި ވަނީ 24 ގަޑިއިރުގެ ތެރޭގައި ފަސް އެއާޕޯޓަކަށް ހަމަލާ ދޭނެ ކަމަށެވެ.
އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އެއާޕޯޓުތަކުގައި ސަލާމަތީ ކަންކަން ވެސް ވަނީ އެކްޓިވޭޓް ކޮށްފައެވެ.
ކަމާބެހޭ ފަރާތްތަކުން އެ ނުރައްކާ އިންޒާރާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެ އިންޒާރު ދީފައި ވަނީ “ވަކި ހާއްސަ ކަމެއް އޮވެގެން ނޫން” ކަމަށް ބުނެފައި ވެއެވެ.
އެ މެސެޖު ލިބުމާ އެކު ބޮމް ތްރެޓް އެސެސްމަންޓް ކޮމިޓީ (ބީޓީއޭސީ) އިން އެއާޕޯޓްތަކުގައި ހަރަކާތްތެެރިވިއެވެ. އަދި އެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ޗެކްކޮށް، ސްޓޭންޑަޑް ޕްރޮސީޖާއާ އެއްގޮތަށް ސަމާލާތީ ކަންކަން ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވެއެވެ.
ދިއްލީ ފުލުހުން ބުނީ ދިއްލީ އެއާޕޯޓުގެ ޓާމިނަލް 3 ގައި ބޮމެއް ފެނުނު ކަމުގެ މައުލޫމާތު ފަޔާ ބްރިގޭޑަށް ލިބުނު ކަމަށެވެ. ނަމަވެސް އެ ސަރަހައްދު ބެލުމަށް ފަހު އެއީ ދޮގު ވާހަކަތަކެއް ކަމަށް ކަނޑައެޅިއެވެ. މި އިންޒާރު ދިން ސަބަބު ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ.
އޭގެ ފަހުން ވަރަނާސީން މުމްބާއީއަށް ދަތުރުކުރި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއްގައި ބޮން ގޮއްވާލާނެ ކަމުގެ އިންޒާރު އީމެއިލް މެދުވެރުކޮށް ދީފައި ވެއެވެ. ވަރަނާސީ އެއާޕޯޓުގެ ކަމާ ބެހޭ ފަރާތްތަކަށް ލިބުނު އީމެއިލްގައި، މަތިންދާބޯޓުގައި ބޮމެއް ބަހައްޓާފައިވާ ކަމަށާއި އެ މަތިންދާބޯޓު ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައި ވެއެވެ. އެ އިންޒާރާއި ގުޅިގެން މަތިންދާބޯޓު ވަރަށް ރަނގަޅަށް އިންސްޕެކްޓް ކުރިއެވެ.
މި އިންޒާރުގެ އީމެއިލްތައް އައިސްފައި ވަނީ ވެރިރަށް ރެޑް ފޯޓް މެޓްރޯ ސްޓޭޝަން ކައިރީގައި ކާރު ގޮއްވާލައި 12 މީހުން މަރުވެ، މުޅި ގައުމުގެ ސެކިއުރިޓީ އެލާޓް ނެރުނުތާ ދެ ދުވަސް ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު