Advertisement

ރައީސް ހުޅުވައިދެއްވީ އެމަނިކުފާނު މަލާމާތް ރައްދުކުރައްވައި، ސިޔާސީ ކުރެއްވި ހަނިމާދޫ އެއާޕޯޓު: ޝާހިދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވީ އެމަނިކުފާނު ކުރިން މަލާމާތް ރައްދުކުރައްވައި ސިޔާސީ ކުރެއްވި ހަނިމާދޫ އެއާޕޯޓު ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން އެމް.ޑީ.ޕީ ސަރުކާރުން ފެށި މަސައްކަތް ނިންމައި، ސަރުކާރުން ރޭ އެއާޕޯޓު ހުޅުވުމާއި ގުޅިގެން އޭނާގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement

ޝާހިދުގެ ޕޯސްޓުގައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށާއި އިންޑިއާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއަށް ބޭނުންވާ އެހީ ހޯއްދެވުމަށާއި، އެކަމާއި ގުޅޭ އެހެން ކަންކަމުގައި އިންޑިއާ ސަރުކާރާއިއެކު މަޝްވަރާކުރެވުނީ ޝާހިދުގެ ޚާރިޖީ ވަޒީރު ކަމުގައި، އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެއާޕޯޓު ހުޅުވުމަކީ ޞާލިޙުގެ ވެރިކަމުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއެކު ފެށުނު މުހިންމު މަޝްރޫއެއްގެ ފުރިހަމަވުން ކަމަށެވެ. މި މަޝްރޫއު ފެއްޓެވުމަށް އިސްނެންގެވި ކަމަށް ޓަކައި ޞާލިޙަށާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ޝާހިދު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށިއިރު، އޭރުގެ އިދިކޮޅު ފަރާތްތަކުން އެ މަޝްރޫއަށް ބޮޑެތި ފާޑުކިޔުންތަކެއް ކީކަން ޝާހިދު ފާހަގަކުރެއްވިއެވެ. ޕީއެންސީގެ އިސް ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއަކީ އިންޑިޔާ ސިފައިންގެ ބޭނުމަށް ހިންގޭ މަޝްރޫއެއް ކަމަށް ސިފަކުރެއްވި ކަމަށާއި، އެ މަޝްރޫއުގައި މަސައްކަތްކުރި މަސައްކަތްތެރިންނަކީ އިންޑިޔާ ސިފައިން ކަމަށް ބުނެ ތުހުމަތުކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވުނު ކޮންމެ މަޝްރޫއަކީ އިންޑިއާއާ ދެކޮޅަށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ސިޔާސީ ކުރި މަޝްރޫއުއަކަށް މިއަދު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ހެއްދެވިކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ބައިނަލްއަގްވާމީ އެއްބާރުލުން ސިޔާސީ ހަތިޔާރަކަށް ބަދަލުކުރައްވައި، ރައީސް މުޢިއްޒު އެމަނިކުފާނުގެ ކެމްޕޭނުގައި އޭރު މަލާމާތްކުރައްވާފައިވާ އެއާޕޯޓު ރޭ ރަސްމީކޮށް ހުޅުއްވައިދެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.

އުތުރަށް ހަގީގީ ތަރައްގީ ލިބޭނީ އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަ ގޮތުގައި ބޭނުންކުރެވުމުން ކަމަށް އެ ސަރަހައްދުގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ކުރަމުން އައީ އިންޑިއާގެ ޓްރިވެންޑްރަމަށް އެކަންޏެވެ.

އުތުރުގައި ފަތުރުވެރިކަން ތަރައްގީ ކުރެވެން އޮތް ނަމަވެސް، ފަތުރުވެރިން އެ ސަރަހައްދަށް ދާން ޖެހެނީ މާލެ އައުމަށް ފަހު އިތުރު ފްލައިޓެއް ނަގައިގެންކަމުން، ޚަރަދު ބޮޑުވާތީ އެ ދާއިރާ އޮތީ ކުރިނޭރުވިފައެވެ. އަދި އެ ސަރަހައްދުގައި ކުޅުދުއްފުއްޓާއި އިހަވަންދޫ ފަދަ ވިޔަފާރި ހަބްތައް އޮންނައިރު، ވިޔަފާރިވެރިން މާލެ އައިސް ބޭރަށް ދަތުރުކުރަން ޖެހޭތީ އެ ދަތިކަން ވެސް އޮތެވެ. ޒަމާނީ އެއާޕޯޓާއެކު، ހަނިމާދޫގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރެވިއްޖެ ނަމަ ފަތުރުވެރިކަމުންނާއި ވިޔަފާރިން ވެސް މަންފާ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބޮޑުތިލަދުންމަތީގެ ރައްޔިތުން އުއްމީދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ