ފްރާންސްގެ މަޝްހޫރު ލޫވާ މިއުޒިއަމުން ބޮޑު ވައްކަމެއްކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ވައްކަން ކުރި މީހުން އެ ސަރަހައްދަށް ގޮސްފައިވަނީ ހެނދުނު 9:30 ހާއިރު، މިއުޒިއަމް ހުޅުވިތާ މާގިނައިރުތަކެއް ނުވަނީހެވެ. އެމީހުން އެ ސަރަހައްދަށް ގޮސް، “އިމްޕީރިއަލް” ޖަވާހިރު ކަލެކްޝަން ހުންނަ ގެލެރީ ޑި އެޕޮލޮން (އެޕޯލޯ ގެލެރީ) ގެ ދަށުގައި ދިގު ކުރެވޭ ހަރުގަނޑެއް ހުންނަ ޓްރަކެއް ޕާކު ކުރިކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި ވައްކަން ކޮށްފައިވަނީ އެންމެ ހަތް މިނެޓުގެ ތެރޭގައެވެ.

އުޅަނދުގައި ހަރުކޮށްފައިވާ ހަރުގަނޑު ބޭނުންކޮށްގެން ސެއިން ކޯރާ ކައިރި ބެލްކަނީއަކުން އެމީހުން އެންމެ ފުރަތަމަ ވަނީ އެޕޯލޯ ގެލެރީއަށެވެ. އެ މީހުން މިއުޒިއަމަށް ވަނީ އެ ތަނުން ޑިސްކް ކަޓަރަކުން ބިއްލޫރި ކަފާލައިގެންނެވެ.
އޭގެ ފަހުން ގާޑުންނަށް ބިރުދައްކާ، އެމީހުންނަށް އިންޒާރުދީ، އެމީހުން މިއުޒިއަމުން ނުކުތުމަށް މަޖުބޫރު ކުރުމަށް ފަހު ތަކެތި ވަގަށް ނެގި ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި ގިނަ އަދަދެއްގެ ތަކެތި ވަނީ ވަގަށް ނަގާފައެވެ. އޭގެ ތެރޭގައި ޖަވާހިރު ޖަހާފައިވާ ތާޖެއް، ޖަވާހިރު އަނގޮޓި އަދި ފަށް ހިމެނެއެވެ. މި ހުރިހާ ތަކެއްޗަކީ ވެސް 19 ވަނަ ގަރުނުގައި ދިރިއުޅުނު ފާހަގަ ކޮށްލެވޭ މީހުންނަށް ނިސްބަތްވާ ތަކެއްޗެވެ. އެ ތަކެތި ނިސްބަތްވަނީ ފްރާންސްގެ ކުރީގެ ޝާހީ ނުވަތަ ވެރިންނަށް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ފްރާންސްގެ ސަގާފަތާ ބެހޭ ވުޒާރާއިން ވަގަށް ނެގި ކަމަށް ކަށަވަރު ކޮށްދިން ތަކެތީގެ ތެރޭގައި ހިމެނެނީ:
- – ނޭޕޮލިއަން ތިންވަނަގެ އަންހެނުން އެމްޕްރެސް ޔޫޖީނީއަށް ނިސްބަތްވާ ތާޖަކާއި ބްރޯޗް
– އެމްޕްރެސް މެރީ ލޫއީސްގެ ޖަވާހިރު ފަށަކާއި ޖަވާހިރު ކަންފަތުލާ ތަކެތި
– ރާނީ މެރީ-އަމެލީ އާއި ރާނީ ހޯޓެންސޭ އަށް ނިސްބަތްވާ ސެފަޔާ ތާޖަކާއި ފަށް އަދި ކަންފަތުލާ ޖަވާހިރު
– “ރެލިކުއަރީ ބްރޯޗް” ގެ ނަމުން މަޝްހޫރު ބްރޯޗް - މި ތަކެތި ހެދިފައި ވަނީ އެތައް ހާސް ޑައިމަންޑާއި އެހެނިހެން އަގުހުރި ޖަވާހިރުތަކުންނެވެ.
މިކަމާ ގުޅިގެން ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވިދާޅުވީ، މިއީ ވަރަށް ތަޖުރިބާކާރު ޓީމެއްގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ ވައްކަން ކުރީ އެހެން ގައުމެއްގެ ބައެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި “ހައިސްޓް” ގައި ބައިވެރިވީ 4 މީހުން ކަމަށް ބެލެވޭއިރު، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު