ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެޗްޑީސީގެ ނަމުގައި ފޭކް މެސެޖްތަކެެއް ދައުރުވަމުންދާ ކަމަށެވެ. އެޗްޑީސީގެ ނަމުގައި ކުރަމުންދާ މެސެޖްތަކުގައި ފޭކް ލިންކެއް ހިމަނާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ ލިންކް މެދުވެރިކޮށް ޒާތީ މައުލޫމާތާއި ޕާސްވޯޑްތައް ވައްކަންކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެހެންކަމުން އެ މެސެޖްގައިވާ ލިންކަށް ނުފިތުމަށާއި އެކަން އެހެން ފަރާތްތަކަށް އަންގައިދިނުމަށް ވެސް ފުލުހުން އެދިފައި ވެއެވެ. އަދި އެޗްޑީސީގެ ފަރާތުން ފޮނުވާފައިވާ މެސެޖެއްކަން އެ ކުންފުންޏައް ގުޅައި ވެރިފައިކުރުމަށް ވެސް އަންގާފައި ވެއެވެ..
އެޗްޑީސީގެ ނަމުގައި ފޮނުވަމުންދާ ފޭކް މެސެޖްތަކުގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށެވެ.
ރާއްޖޭގައި ސްކޭމްތައް މައްސަލަތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އެފަދަ ސްކޭމްތަކުން ރައްކާތެރިވެ ހޭލުންތެރިވެ ތިބުމަށް ފުލުހުން އާންމުނަނށް އިލްތިމާސްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު