ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުން އަންނަ ގަތުލުއާންމު ހުއްޓާލުމުގެ ހުށަހެޅުމަށް އިސްރާއީލާއި ހަމާސް އިން އެއްބަސްވި ނަމަވެސް އެ އެއްބަސްވުމަށް އަދި އަމަލު ކުރަން ނުފަށައެވެ.
ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ދިގު ދެމިގެން ދިޔަ އަނިޔާވެރި ގަތުލުއާންމު އެންމެ ފަހުން ހުއްޓާލުމުގެ ހުށަހެޅުން ހުށަހަޅާފައިވަނީ އެމެރިކާގެ ރައީސް، ޑޮނަަލްޑް ޓްރަމްޕެވެ. މި ހުށަހެޅުމަށް މެދުވެރިން ތާއިދުކޮށް، އިސްރާއީލާއި ހަމާސްއިން އެއްބަސްވެފައިވާކަން ވެސް މިހާރު ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ގިނަ ބަޔަކަށް އޮޅިފައި އޮތް އޮތުމެއް އެބައޮތެވެ. އެއީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް އިސްރާއީލުން އެކަމަށް އަމަލުކޮށްފާނެ ކަމެވެ. އަދި ކުރަމުން އަންނަ ކަމެވެ. މިއީ ސުވާލު އުފެދޭ ކަންކަމެވެ.
ހަނގުރާމަ ހުއްޓާލުމުގައި ރަސްމީކޮށް މިސްރުގެ ގަޑިން 12 ޖަހާއިރު ސޮއި ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ފަހުން އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން އެކަމާއި މިއަދު ގޮތެއް ނިންމާނެވެ. އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން އެކަމާއި ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. އޭގެ ފަހުން ހަމަލާތައް ހުއްޓާލެވޭނެއެވެ. މިއީ އިސްރާއީލުން އަބަދު ވެސް އަމަލު ކުރަމުން އަންނަ އުސޫލެވެ.
އެހެން ކަމުން ސަލާމަތީ މަޖިލީހުން ގޮތެއް ނިންމުމާއި ހަމައަށް އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭނެއެވެ. އެއީ މީގެ ކުރިން ވެސް އިސްރާއީލުގެ ނިރުބަވެރިން އަމަލު ކުރަމުން އަންނަ ގޮތެވެ. އެކަމަށް ބާރު ލިބޭ އެއް ކަމަކީ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެއްބަސްވި ފަހުން، މިވަގުތާ ހަމައަށް ވެސް އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނާތީއެވެ.


ކިޔުންތެރިންގެ ހިޔާލު