ހުކުރު ދުވަހުގެ ރޭ ބާއްވާ އެއްވުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިގޮތަށް ބުނީ އެ އެއްވުމުގަައި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވުމާއި ގުޅިގެންނެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އޮކްޓޫބަރު ތިނެއްވާ ހުކުރު ދުވަހު އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ އެއްވުމަށް ފުލުހުން ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ބަޔާން އެމްޑީޕީން ވަނީ ދޮގުކޮށްފައެވެ.
އެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
“އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު ފުލުހުންނާ މި ޕާޓީން ބައްދަލުކޮށްފައިވާނެ. އެ ދުވަހު އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަނގާފައިވާނެ. އެ ރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައި ނުވާއިރު ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށްގެންދާނެ ކަމަށް މި ޕާޓީން އަންގާފައި ނުވާނެ.”، އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕިން ވިދާޅުވީ އެ ޕާޓީގެ އެއްވުން ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެއް ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.
” މާލެ ތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް ސަރުކާރުން ފައިސާ ދީފައިވާ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީއިން ފުލުހުންނަށް ގޮވާލަން،”. އެ ޕާޓީން ބުނެފައި ވެއެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ސަރުކާރުން އަންގަވައިގެން ހުރަސް ނޭޅުމަށް ފުލުހުންނަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު