ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓުތައް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ މަގުތަކުގައި އިތުރު ސްޕީޑް ބަމްޕަރުތައް ހަރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޑީސީން މިއަދު ވިދާޅުވި ގޮތުގައި އެ މަސައްކަތަކީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، އެކްސިޑެންޓްތައް ހިނގުން މަދުކުރުމާއި ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހުޅުމާލެ ޓަރެފިކް ފްލޯއަށް ބަދަލު ގެނައުމަށް އެޗްޑީސީ އިން ފަށާފައިވާމަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ އެކި މަގުތަކުގައި 88 ސަރަހައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން މިވަގުތު މަސައްކަތް ކުރިއަށްދަނީ ހުޅުމާލެ ފޭސް2 ނިރޮޅުމަގު ސަރަހައްދުގައި ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
ހުޅުމާޅެ މަގުތަކަކީ އެކްސިޑެންޓްމަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު، ބައެއް ސަރަހައްދުތަކުގައު ވައްބުރު ގާއިމްކޮށް ޓްރެފިކްފްލޯ އަށް ބަދަލު ގެނައުމުގެ މަސައްކަތް އެޗްޑީސީން ފެށީ މިދިޔަ އަހަރުއެވެ.

މިހާރު ކުރިއަށްދާ ސްޕީޑް ބަމްޕްތައް ގާއިމް ކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ މަގުތަކުގައި ބާރު ސްޕީޑްގައި ވެހިކަލްތައް ދުއްވުން މަދުވެ، ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާޏް އަދި ރައްކާތެރި ތަނަކަށް ވެގެންދާނެއެވެ.
އެޗްޑީސީ އިން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހި ކޮށްދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު