ޔޫރަޕްގެ އިތުރު ފަސް ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފިއެވެ.
އދ.ގެ އާންމު މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ހައި ލެވެލް ބައްދަލުވުމުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ޔޫރަޕްގެ އިތުރު ފަސް ގައުމެއްގެ ލީޑަރުން ވަނީ އިސްނަންގަވައިފައެވެ.
މީގެ ކުރިން ރޭ ފްރާންސް އިންވެސް ވަނީ ފަަލަސްތީނުގެ ދައުލަތް ބަލައިގެންފައެވެ.
ނިއުޔޯކްގައި ބޭއްވި ބައްދަލުވުމުގެ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމި އިތުރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެންޑޯރާ، ބެލްޖިއަމް، ލަގްޒެމްބާގް، މޯލްޓާ އަދި މޮނާކޯއެވެ.
މީގެ އެއް ދުވަސް ކުރިން ފަލަސްތީނަށް ރަސްމީކޮށް ބަލައިގަތް އޮސްޓްރޭލިއާ، ކެނެޑާ، ޕޯޗުގަލް އަދި އިނގިރޭސިވިލާތުގެ ލީޑަރުން ވެސް މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.
އދ.ގެ މެމްބަރު 193 ގައުމުގެ ތެރެއިން 147 ގައުމަކުން ފަލަސްތީނަށް ދައުލަތް ވަނީ ބަލައިގެންފައެވެ.
ފަލަސްތީނުގެ ގަބޫލުކުރާ ގައުމުތަކުގެ އަދަދު %80 ވުރެ މައްޗަށް އަރާއިރު، އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވެ، ފަލަސްތީނުގެ 65،000 އަށް ވުރެ ގިނަ މިހާތަނަށް ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެ ސަރަހައްދުގައި ދިރިނޫޅެވޭ ވަރަށް ވަނީ ސުންނާފަތިކޮށްލައިފައެވެ.
މީގެ ކުރިން މިދިޔަ އަހަރު ތެރޭގައި ސްޕެއިން، ނޯވޭ އަދި އަޔަލެންޑުން ވަނީ ފަލަސްތީން ދައުލަތް ބަލައިގެންފައެވެ.
ފަަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ފަލަސްތީނު ބަލައިގަންނަ ގައުމުތަކަށް ތައުރީފު ކުރައްވާ ވާހަކަފުޅުދައްކާވަފއައެވެ.
އޭނާ މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވިސާ ނުދިނުމުން ވީޑިއޯ މެދުވެރިކޮށް އެ ބަދައްލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އައްބާސް ވިދާޅުވީ، އދ.ގައިި ފަލަސްތީނުގެ ފުރިހަމަ މެމްބަރުކަމަށް ފަލަސްތީނަށް ތާއީދު ކުރުމަށް ފަލަސްތީނު އޮތޯރިޓީން ގޮވާލާ ކަމަށެވެ.
މި މައްސަލައިގައި ބައިނަލްއަގުވާމީ ގޮތުން އެކަހެރިވެފައިވާ އެމެރިކާ އާއި އިސްރާއީލުން ސަމިޓް ބޮއިކޮޓް ކުރަން ނިންމި އިރު، އިސްރާއީލުން އދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑެނީ ޑެނޮން ވަނީ މި ސަމިޓަކީ “ސާކަސް” އެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
އދ.ގެ މެންބަރު ގައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ނަމަވެސް، އދ.ގައިި ފަލަސްތީނުގެ ފުރިހަމަ މެމްބަރުކަމަށް ވުމަށް އދ.ގެ މެންބަރު ގައުމުތަކަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ތާއިދު ބޭނުންވެއެވެ. އެހެން ނަމަވެސް ފަލަސްތީނު އދ.ގެ ފުރިހަމަ މެމްބަރު ގައުމަކަށް ވުން ހުއްޓުވަން، އެމެރިކާއިން ވީޓޯ ބޭނުން ކުރަމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު