ނިރުބަވެރިން އިސްރާއީލުން ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކާއި ދެމުންގެންދާ އިންޒާރުތަކުގެ ސަބަބުން ޣައްޒާ ސިޓީ ދޫކޮށް ދިޔަ މީހުންގެ އަދަދު ފަސް ލައްކައަށް އަރަން ކައިރިވެއްޖެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ޣައްޒާގެ އެންމެ ބޮޑު ސިޓީ ހިފުމަށް އިސްރާއިލުން ކުރަމުންދާ މަސައްކަތުގެ ތެރއިން ފަލަސްތީނުގެ 480،000 މީހުން ދަނީ ދެކުނަށް ހިޖުރަކުރަމުންނެވެ.
ޣައްޒާ ސިޓީއާއި އެ އަވަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކަމަށް އދ އިން ވަނީ އަންދާޒާކޮށްފައެވެ.
މި ހަމަލާގެ ކުރިން އިސްރާއީލު ސިފައިން ވަނީ ޣައްޒާ ސިޓީގެ ހުރިހާ ސަރަހައްދަކަށް ފަލަސްތީނު މީހުން ބަދަލުކުރުމަށް އަމުރުކޮށްފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާ ސިޓީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދުން ބޭރުކުރުމަށް އަންގާފައެވެ.
ޣައްޒާ ސިޓީގެ އިރުމަތީ ސިޓީއާއި ތުފާ އިން ފެށިގެން ހުޅަނގުގެ ކަނޑާއި ހަމައަށް، ޣައްޒާ ސިޓީގެ ރައްޔިތުންނަށާއި، އެ ސިޓީގެ އަވަށްތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ނިރުބަވެރި އިސްރާއިލުން މިދިޔަ ހަފްތާގައި ނެރުނު އެންގުމުގައި ވަނީ ހަމާސް ނައްތާލުމަށް އިސްރާއީލުގެ ޑިފެންސް އާމީން މަސައްކަތް ކުރަމުން އަންނަ އިރު، ޣައްޒާ ސިޓީ ސަރަހައްދުގައި ވެސް ވަރުގަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
“ސަލާމަތަށްޓަކައި، އަލް ރާޝިދު އެކްސިސް ހުރަސްކޮށް، އަލް މަވާސީގައި ހުންނަ ހިއުމެނިޓޭރިއަން އޭރިއާއާ ދިމާއަށް އަވަހަށް ދިއުމަށް އަންގަން. އެ ސަރަހައްދުގައި ތިބުމަކީ ވަރަށް ބޮޑު ނުރައްކަލެއް،”. އެ އެންގުމުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު