ރާއްޖޭގެ ވިޔަފާރިތަކަށް ދުނިޔޭގެ އެންމެ ބޮޑު އީކޮމާސް ޕްލެޓްފޯމު ކަމަށްވާ އަލީބާބާގެ ބައިނަލްއަގްވާމީ މާކެޓަށް ވަނުމުގެ މަގުފަހިކޮށްދިނުމުގެ މަގްސަދުގައި، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަލީބާބާއާ ގުޅިގެން ބާއްވާ ހާއްސަ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ.
ބާސެލޯ ނަސަންދުރާގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕްގައި ޖުމްލަ 700 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މީހުން ހިމެނެއެވެ.
އީކޮމސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްދާ މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ދިވެހި ވިޔަފާރިތަކަށް އަލީބާބާގެ ބައިނަލްއަގްވާމީ މާކެޓަށް ވަނުމަށް މަގުފަހިކޮށްދިނުމެވެ.
އެ ވުޒާރާއިން ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތަކާއި ހިދުމަތްތައް ދުނިޔޭގެ މާކެޓުގައި ވިއްކުމަށް ފަހިވެގެންދާނެ ކަމަށެވެ.
މި ވޯކްޝޮޕްގައި މައުލޫމާތު ހިއްސާކުރާނީ އަލީބާބާ ޕްލެޓްފޯމުގެ މަތީ ފަންތީގެ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި އަލީބާބާ ގްރޫޕްގެ ބިޒްނަސް މެނޭޖަރު ނަސްރީ މާ އާއި އަލީބާބާ ގްރޫޕްގެ ޕަބްލިކް އެފެއާސްގެ ޖެނެރަލް މެނޭޖަރު ޒިއޮންގް ޓައޯ ފަދަ ބޭބޭފުޅުން ހިމެނެއެވެ.
Honoured to have Mr. Xiong Tao, General Manager of Public Affairs @AlibabaGroup International Digital Commerce Group share insights on unlocking global market access for Maldivian businesses through e-commerce.#MoEDTmv #AlibabaInMaldives #MaldivesToGlobal #CreativeEconomy… pic.twitter.com/ga1k10mO3o
— Ministry of Economic Development and Trade (@MoEDmv) September 16, 2025
އެގޮތުން، ސެލާ އެކައުންޓު ހުޅުވުމާއި، ދިވެހިންގެ އުފެއްދުންތައް އަލީބާބާގައި އިސްތިހާރުކޮށް ވިއްކުމުގެ އުކުޅުތަކުގެ އިތުރުން، އެ ޕްލެޓްފޯމުގެ އޭއައި (A.I) މެދުވެރިކޮށް އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަންނާނެ ގޮތްތަކުގެ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވޯކްޝޮޕްގައި، ވިއްކާ މުދަލަކަށް ނުވަތަ ދޭ ހިދުމަތަކަށް އަގު ހޯދޭނެ ގޮތްތަކާއި، މާލީ އިދާރާތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގާނެ ގޮތްތަކުގެ މައުލޫމާތުވެސް ދެވޭނެއެވެ. މީގެ އިތުރުން، މުދާ ފޮނުވުމަށް ނުވަތަ ޕޯސްޓް ކުރުމަށް ހުރި ފުރުސަތުތައް މޯލްޑިވްސް ޕޯސްޓުގެ ފަރާތުން މި ބައްދަލުވުމުގެ ތެރެއިން ހިއްސާކުރާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
ސަރުކާރުގެ އަމާޒަކީ ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ކްރިއޭޓިވް އިންޑަސްޓްރީ ނުވަތަ އުފެއްދުންތެރިކަމުގެ ސިނާއަތް ކަމުގައި ހެދުމެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި، ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓު ކުރުން މުހިންމު ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމަށް ހިދުމަތްދޭ އަލީބާބާއަކީ، 40 މިލިއަނަށްވުރެ ގިނަ މީހުން ހިދުމަތް ދިނުމަށް ނުވަތަ މުދާ ވިއްކުމަށް ރަޖިސްޓްރީ ކޮށްފައިވާ ބޮޑު ޕްލެޓްފޯމެކެވެ.


ކިޔުންތެރިންގެ ހިޔާލު