އިންޑޮނޭޝިއާގައި ފަތުރުވެރިންގެ މެދުގައި މަގުބޫލް ބާލީ އާއި އިތުރު ދެ ރަށެއްގައި ފެންބޮޑުވެ 13 މީހުން މަރުވެ، އިތުރު ހަ މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކާރިސާތަކާ ބެހޭ އެޖެންސީން ބުނެފިއެވެ.
އިންޑޮނޭޝިއާއަށް ބޯކޮށް ވާރޭ ވެހެން ފެށީ މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެންނެވެ.
މިކަމުގެ ސަބަބުން ބާލީގެ ފަސް ޑިސްޓްރިކްޓެއްގައި، އަދި އެ ޕްރޮވިންސުގެ ވެރިރަށް ކަމަށްވާ ޑެންޕަސާގައި ވެސް ފެންބޮޑުވެފައިވާ ކަމަށް، ކާރިސާތަކާ ބެހޭ އެޖެންސީގެ ތަރުޖަމާނު އަބްދުލް މުހާރީ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ. މި ހާދިސާގައި ގާތްގަނޑަކަށް 200 މީހުން ވަނީ އެހެން ތަންތަނަށް ބަދަލުކުރެވިފައެވެ.
އަބްދުލް މުހާރީ ވިދާޅުވި ގޮތުގައި، ބުދަ ދުވަހުގެ ހަވީރުގެ ނިޔަލަށް ބާލީން ނުވަ މީހުން މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. ކުރިން މަރުވި މީހުންގެ އަދަދު ދޭއް ކަމަށް ރިޕޯޓްކުރެވިފައި ވިޔަސް، މި އަދަދު ވަނީ މަތިވެފައެވެ. މީގެ އިތުރުން ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ވެސް އަބްދުލް ވިދާޅުވިއެވެ.
ބާލީގެ ހުޅަނގު ދެކުނުގައިވާ ޖެމްބުރާނާ ޑިސްޓްރިކްޓުން 85 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައިވާ ކަމަށާއި، އަދި އިތުރު 108 މީހުން ޕްރައިމަރީ ސްކޫލެއް ވެސް ހިމެނޭ ގޮތަށް އެހެން ތަންތަނަށް ވަގުތީ ބޯހިޔާވަހިކަން ހޯދާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މިދިޔަ ހޯމަ ދުވަހު އިރުމަތީ ނޫސާ ތެންގާރާ ޕްރޮވިންސުގެ ފްލޮރެސްއޭ ކިޔުނު ރަށުގައި ވެސް ފެންބޮޑުވެ 18 ރަށަކަށް މަގުތައް ބަންދުވެ، ފޯނުގެ ހިދުމަތްތައް ކެނޑިފައިވާ ކަމަށް އަބްދުލް ވަކި ބަޔާނެއްގައި ވިދާޅުވިއެވެ.
ކާރިސާތަކާ ބެހޭ އެޖެންސީގެ ޗީފް ސުހާރްޔަންޓޯ ވިދާޅުވީ، ފްލޮރެސްގެ ނަގަކެއޯ ޑިސްޓްރިކްޓުގައި ކުރިމަތިވި ފެންބޮޑުވުމުގެ ސަބަބުން ހަތަރު މީހުން މަރުވެފައިވާ ކަމަށާއި، އިތުރު ހަތަރު މީހުން ގެއްލިގެން ހޯދަމުންދާ ކަމަށެވެ. ބުދަ ދުވަހު ވެސް ބާލީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައި ހުރި ނަމަވެސް، ފްލޮރެސްގައި ފެންގަނޑު ވަނީ ހިނދެން ފަށާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑޮނޭޝިއާގައި އޭޕްރީލް މަހާއި ނޮވެމްބަރު މަހާ ދެމެދު އަންނަ މޫސުމީ ވިއްސާރައިގެ ދުވަސްވަރު ބިންގަނޑު ކަނޑައިގެން ދިއުމާއި، ފެންބޮޑުވުން އަދި ގިނަ ބަލިތައް ފެތުރުން ކުރިމަތިވެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތޫފާންތައް އައިސް، ބޯކޮށް ވާރޭވެހުމާއި، ފެންބޮޑުވުން އަދި ގަދަވައި އިތުރުވެފައިވެއެވެ.
މިކަހަލަ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެއެވެ. މިދިޔަ މާޗު މަހު ޖާވާއޭ ކިޔުނު ރަށުގައި ފެންބޮޑުވުންތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ތިން މީހުން މަރުވެ، ފަސް މީހުން ގެއްލިފައިވާއިރު، ޖެނުއަރީ މަހު ސެންޓްރަލް ޖާވާގައި ފެންބޮޑުވުންތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 25 މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު