ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޑީއެފްއަށް ނިމިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި 916.3 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ސަރުކާރުން އަންދާޒާ ކުރަނީ މިއަހަރު ނިމުމުގެ ކުރިން އެސްޑީއެފްއަށް އެއް ބިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ. އަދި އެ އަމާޒަށް މިހާރު ވަނީ ވާސިލްވެފައެވެ.
ސަރުކާރުން ދަނީ ސޮވެރިން ފަންޑު އިތުރުކުރުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކޮންމެ މަހަކު ވެސް ސަރުކާރުން އެ ފަންޑު އިތުރުކުރުމަށް ފައިސާ ޖަމާކުރެއެވެ.
ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފައްދާފައިވާ ފަންޑެކެވެ.
އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.


ކިޔުންތެރިންގެ ހިޔާލު