ފަލަސްތީނުގެ ނޫސްވެރިއެއްގެ ހަށިގަނޑު، އޭނާގެ ފުނޑުފުނޑުވެފައިވާ ގެއިން ފެނިފައިވާ ކަމަށް ޣައްޒާ ސިޓީގެ އަލް އަހްލީ ހޮސްޕިޓަލުގެ މަސްދަރަކުން ބުނެފިއެވެ.
ފެނިފައިވަނީ އެ ގައުމުގެ ނޫސްވެރިޔާ މަރްވާ މުސްލިމްގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ޓޫފާ ސަރަހައްދުގައި ހުންނަ އޭނާގެ ގެއަށް އިސްރާއީލު ސިފައިން ބޮމުގެ ހަމަލާދިންތާ 44 ދުވަސް ފަހުންނެވެ.
އިންސްޓަގްރާމަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއެއްގައި މަރްވާ އާއި އޭނާގެ ދެބެންގެ ހަށިގަނޑުގެ ބައިތައް ހޮސްޕިޓަލުން ފެނިގެންދެއެވެ. މި ވީޑިއޯ ވަނީ އަލްޖަޒީރާއިން ވެރިފައިކޮށްފައެވެ.
22 މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 270 ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިން ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ކޮންމެ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 13 ނޫސްވެރިންނެވެ. މިކަން ވަނީ 2022 ވަނަ އަހަރު ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިން ބަޑިޖަހައި މަރާލި އަލްޖަޒީރާގެ ނޫސްވެރިޔާ ޝިރީން އަބޫ އަކްލޭހްގެ ނަމުގައި މޮނިޓަރިން ވެބްސައިޓެއް ކަމަށްވާ ޝިރީން ޑޮޓް ޕީއެސްގެ ތަފާސް ހިސާބުތަކުން ކަށަވަރު ކޮށްދީފައެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން ނިރުބަވެރިން ނޫސްވެރިން ޝަހީދު ކުރުމާއި އެމީހުން ބަންދުކުރުމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތައް ދައްކުވައި، އެކަމަށް ހެކިދޭ ލިޔެކިޔުންތައް ނެތި ހިނގައިދާނެ ކަމަށާއި މިކަމާ ބެހޭ ނޫސްތައް މަދުވަމުންދާ ކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން (ސީޕީޖޭ) އިން ބުނެފިއެވެ.
ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ ކޮމިޓީން ބުނި ގޮތުގައި ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ނޫސްވެރިންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނޫސްވެރިންގެ ތެރެއިން އެންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިފައިވާ ނޫސްވެރިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު