ފަލަސްތީނުގެ ޣައްޒާގައި މިވަގުތު ތިބި މީހުންނަށް ކުރިމަތިވެފައިވާ ބިރަކީ އިސްރާއީލުގެ ހަމަލާތަކެއް ނޫނެވެ. މިސައިލްތަކެއްގެ އަޑެއް ވެސް ނޫނެވެ. ނުވަތަ އިސްރާއީލުން ދޭ އިންޒާރެއް ވެސް ނޫނެވެ. ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ ކާބޯތަކެތި ނުލިބުމުގެ ބިރެވެ. ކާބޯތަކެތި ނުލިބި، ދެން ވާނެ ގޮތެއް ނޭނގޭތީ ހިތުގައި އުފެދިފައިވާ ބިރެވެ.
ފަލަސްތީނުގެ ޣައްޒާގައި ނޫސްވެރިންގެ ހިތުގައި ވެސް މި ބިރުވެރިކަން އުފެދިފައިވާއިރު، އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ އަމީރު އަލް ސުލްތާން ވަނީ އޭނާއަށް ކުރިމަތިވަމުން އަންނަ ކަންކަމުގެ ވާހަކަ ހިއްސާކޮށްފައެވެ.
އެގޮތުން އޭނާ ބުނީ، ބަނޑުހައިހޫނުކަން އެންމެންނަށް ކުރިމަތިވެފައިވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި އޭނާ ކޮންމެ ދުވަހަކު މަސައްކަތަށް ދާއިރު، ކާނެ އެއްޗެއް ނުފެންނަ ކަމަށެވެ. އެހެން ކަމުން ކޮންމެ ދުވަހަކު މަސައްކަތު ދަނީ ފެން ބޮއެގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.
“އަހަރެން މަސައްކަތުދާއިރު ކާނެ އެއްޗެއް ނުފެނޭ. އެހެންވެ ހަމަ އެކަނި ފެން ބޮއެގެން ދަނީ. ދެތިން ދުވަސް ވަންދެން ހަމަ އެކަނި ފެންބޮއެގެން އުޅެން ޖެހުނު. މިއީ ހަނގުރާމައިގައި އަހަރުމެންނަށް ކުރިމަތިވި އަދި ވަމުން އަންނަ އެންމެ ބޮޑު ގޮންޖެހުން” އޭނާ ބުންޏެވެ.
ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ ކޮމިޓީން ބުނި ގޮތުގައި ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ނޫސްވެރިންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނޫސްވެރިންގެ ތެރެއިން އެންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހެިފައިވާ ނޫސްވެރިކަން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު