ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް މުޅި ދުނިޔޭގައި މުޒާހަރާ ކުރުމަށް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުން ގޮވާލައިފިއެވެ.
އެކަމަށް ގޮވާލައި ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ މިނިވަން ރައްޔިތުންނަށް ޣައްޒާގައި ހިންގަމުންދާ އުދުވާނީ އަމަލުތަކާއި، ނަސްލު ނައްތާލުމާއި، ބަނޑުހައިހޫނުކަމާ ދެކޮޅަށް ހަރަކާތްތައް ހިންގުމަށެވެ.
އަންނަ ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަސް މިކަމަށް ހާއްސަކޮށްގެން، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމާސް އިން ވަނީ އެ ބަޔާނުގައި ބުނެފައެވެ.
“އަޅުގަނޑުމެން ގޮވާލަނީ، ޝަހީދުވެވަޑައިގެންނެވި އަނަސް އަލްޝަރީފާއި، މުޙައްމަދު ޤްރެއިޤާއާއި، އަދި އެބޭފުޅުންގެ އިތުރުން ޝަހީދުވި އެ މީޑިއާގެ އެހެނިހެން ބޭފުޅުންނާއި ނޫސްވެރިކަމާ ދެކޮޅަށް އިސްތިއުމާރުން ހިންގާ ޖަރީމާތަކާ ދެކޮޅަށް އެންމެ ބޮޑު ހަރަކާތްތަކެއް ހިންގުމަށް.” އެ ބަޔާނުގައި ވެއެވެ.
“އަޅުގަނޑުމެން ގޮވާލަނީ ޒަޔަނިސްޓުންގެ އަނިޔާވެރިކަމާއި އެމެރިކާގެ ތާއީދު ކުށްވެރި ކުރުމަށާއި، ބައިނަލްއަޤްވާމީ ހިމޭންކަމަށް ދެކޮޅުހެދުމަށް”.
ހަމާސް އިން ބުނީ، ނަސްލު ނައްތާލުމާއި ބަނޑުހައިހޫނުކަމުގެ ޖަރީމާތައް ފަޅާއަރުވަން ޒަޔަނިސްޓުންނާއި އެމެރިކާގެ އެމްބަސީތަކުގެ ކުރިމަތީގައި ބާއްވާ ހިނގާލުންތަކުގައި ބައިވެރިވުމަށް ވެސް ގޮވާލާ ކަމަށެވެ.
އެ ބަޔާނުގައި ހުރިހާ ޔޫނިއަންގެ ޕްރެޝަރުތައް އިސްރާއީލަށް ކުރިމަތިކޮށް، ޣައްޒާއަށް ބޭހާއި ފެނާއި ކާބޯތަކެތި ވެއްދުމުގެ ހުއްދަ ދިނުމަށް އިސްރާއީލަށް ބާރުއެޅުމަށް ވަނީ ގޮވާލާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދިން ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި ޣައްޒާ މީހުންގެ އަދަދު ވަނީ 61،500 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މި ހަމަލާތަކުގައި އެކި ވަރުގެ ޒަހަމްތައް ލިބިގެން 153،200 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާދީފައެވެ.


ކިޔުންތެރިންގެ ހިޔާލު