ދާދިފަހުން ސިނަމާތަކުގައި އަޅުވައި އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފިލްމެއް ކަމަށްވާ ފިލްމު ސައްޔާރާ އަންނަ މަހު ނެޓްފްލިކްސްއިން ޕްރެމިއާ ކުރަން ނިންމައިފިއެވެ.
މި ފިލްމަކީ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ފިލްމީ ދާއިރާއަށް ތައާރަފްވި ފިލްމެވެ. މި ފިލްމަށް މާބޮޑު ޕްރޮމޯޝަނެއް ކޮށްފައި ނުވާއިރު، ހައިރާންކުރުވަނިވި ކާމިޔާބީއެއް މި ފިލްމަށް ދަނީ ލިބެމުންނެވެ.
މޯހިތު ސުރީ ޑައިރެކްޓު ކުރި މި ފިލްމުން އަހާން އާއި އަނީތު އެކްޓިންގެ ހުނަރު އެންމެންނަށް ވަނީ ފެނިގެން ގޮސްފައެވެ.
މި ފިލްމަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ މާކެޓިން އާއި ޕްރޮމޯޝަންގެ ބަދަލުގައި، ފިލްމުގެ ކޮންޓެންޓްގެ ބާރުން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އަދި ފިލްމުގެ ކްރިޓިކުން ބުނެފައިވަނީ މި ފިލްމުގެ ކޮންޓެންޓުގެ ބާރުގެ އިތުރުން މި ފިލްމުގެ އެކްޓަރުންނާއި ފިލްމުގައި މަސައްކަތްކޮށްފައިވާ ކޮންމެ މީހެއްގެ ބުރަ މަސައްކަތުން މި ފިލްމަށް މި ލިބޭ ކާމިޔާބު ހައްގު ކަމަށެވެ.
ސިނަމާގައި އެޅުވުމުން ލިބުނު ބޮޑު ކާމިޔާބިއަށްފަހު ވަރަށް ގިނަ ބަޔަކު ތިބީ މި ފިލްމު އޮންލައިންކޮށް ބަލާލެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
އެހެންކަމުން މި ފިލްމުގެ މޭކަރުން މިހާރު ވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު މި ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލާނެ ކަމަށް ބުނެ ފޭނުން އުފާކޮށްލަދީފައެވެ.


ކިޔުންތެރިންގެ ހިޔާލު