ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރު ދުއްވި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ އައިކް ހައިޝަމް ހަސަން، ހ.ފިލިމާގެ/މާލެ އެވެ.
އައިކު އާއި އެކު ކާރުގައި އިން އަންހެނަކު ވެސް ރޭ ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެ އަންހެންމީހާ ދޫކޮށްލާފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ރޭގައި ބުނިގޮތުގައި ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން ފުލުހުން އެދުމުން އެ ކާރު ވަނީ މަޑުނުކޮށް ފޭސް 1 އާއި ފޭސް 2 ގައި ބާރު ސްޕީޑްގައި ދުއްވާފައެވެ. އެ ކާރު ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔުމުން އެ ކާރު ހުއްޓުވުމަށް ފަހަތުން ދިޔަ ފުލުހުން ތިބި ސައިކަލާއި ކާރު ޖެހި ވަނީ އެކްސިޑެންޓްވެފައެވެ.
މި އެކްސިޑެންޓްގައި ފުލުހުންގެ ސައިކަލްގައި ތިބި ދެ ފުލުހުންކުރެ އެއް ފުލުސް އޮފިސަރަށް އަނިޔާވެފައިވާއިރު، އެ އޮފިސަރަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ އޮފިސަރަށް އިތުރު ފަރުވާ ބޭނުންވާތީ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހްގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު