ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާސިޓީ ހިފުމަށް ނިންމި ނިންމުން ސްރީލަންކާ ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ހުށަހެޅުމަށް އެގައުމުގެ ސަލާމަތީ ކެބިނެޓުން ރުހުން ދީފައިވާއިރު، އެގައުމުގެ އަސްކަރިއްޔާއިން ވަނީ އެކަން ތަންފީޒު ކުރާނެ ކަމަށް ބުނެފައެވެ.
އިސްރާއީލުގެ މި ނިންމުން ބައެއް ގައުމުތަކުން ކުށްވެރި ކުރަމުން އަންނައިރު، އެ ލިސްޓަށް ސްރީލަންކާ ވެސް ވަނީ އިތުރުވެފައެވެ.
އެގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުން ޣައްޒާގެ ކޮންޓްރޯލް ނަގަން ނިންމުމުން ޣައްޒާގެ ރައްޔިތުންނަށް ހަމަނުޖެހުންތައް އިތުރުވެ، ތަކުލީފުތައް އިތުރުވެގެންދާނެ ކަމަށާއި އެހެން ކަމުން އެކަމާއި ކަންބޮޑުވާ ކަމަށެވެ.
ސްރީލަންކާއިން ވަނީ އިސްރާއީލުގެ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި، ދެމެހެއްޓެނިވި ސުލްހައެއް ގާއިމު ކުރުމަށް ޑިޕްލޮމެޓިކް މަޝްވަރާތަކެއް ކުރިއަށް ގެންގޮސް މައްސަލަ ހައްލު ކުރުމަށް ބާރު އަޅާ ކަމަށް ވެސް ބުނެފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، ޣައްޒާ ހިފުމަށް ނިންމި ނިންމުމާއި އެކީ، ޣައްޒާސިޓީގައި ހަރަކާތްތެރިވާ ހުރިހާ އާންމު ރައްޔިތުން އޮކްޓޯބަރު 7 ވަނަ ދުވަހާއި ހަމައަށް އެތަނުން ބޭރު ކުރެވޭނެ ކަމަށާއި، އެ ރައްޔިތުން ބޭރު ކުރާއިރު، ރައްޔިތުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދޭނެ ކަމަށެވެ.
ޣައްޒާގެ ކޮންޓްރޯލް ނެގުމަށްފަހު، އިސްރާއީލުން ނިންމާފައި އޮތީ އެތަނުގައި އިސްރާއީލުގެ ވެރިކަން ހިންގުމަށެވެ.


ކިޔުންތެރިންގެ ހިޔާލު