އެމެރިކާއިން ވަނީ1961 ވަނަ އަހަރުން ފެށިގެން މިދޔަ 70 އަހަރުގެ ތެރޭގައި ޕާކިސްތާނުގެ އުމްރާނީ ތަރައްޤީއާއި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތް އަދި ވެރިކަން ހިންގުމުގެ ދާއިރާތަކަށް ގާތްގަނޑަކަށް 30 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން ބައިނަލްއަޤްވާމީ އެހީތައް މަދުކުރުމަށް ނިންމުމަށް ފަހު އަލުން ޕާކިސްތާނަށް ކުޑަ ގޮތަކަށް އެހީވާން އެމެރިކާއިން މިހާރު ފަށައިފިއެވެ. މިއަހަރުގެ ކުރީކޮޅު ޕާކިސްތާނުގައި ހިންގަމުންދިޔަ 845 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ މަޝްރޫޢުތައް ހުއްޓާލިއެވެ. ނަމަވެސް އެމެރިކާއިން މިހާރުވަނީ ބައެއް މަސައްކަތްތައް އަލުން ފަށައިފައެވެ. ޕާކިސްތާނަށް ދިމާވެފައިވާ މުސުމީ ކާރިސާއާއި އިގްތިސާދީ ކާރިސާއަށްފަހު، ތަރައްޤީގެ ދާއިރާ މިވަގުތު އޮތީ ނާޒުކު ހާލަތެއްގައެވެ.
ޕާކިސްތާންގެ ތަރުބެލާ ޑެމް އަކީ އެމެރިކާއިން ބިނާ ކޮށްދިން ޑޭމް އެކެވެ. އަދި ފެންބޮޑުވުމުގެ ކާރިސާތަކުން އަރައިގަތުމަށް އެހީތެރިވުމުގެ މަސައްކަތްތަކުގައިވެސް އެހީވެދީފައި ވެއެވެ.
މި އެހީތަކަކީ ޤައުމުގެ ތަރައްޤީއަށް މުހިންމު ބަދަލުތަކެއް ގެނެސްދިން މަޝްރޫޢުތަކެކެވެ. އެހެންނަމަވެސް، މި އެހީތައް ހުއްޓާލުމުގެ ސަބަބުން، 86 މިލިއަން ޑޮލަރުގެ ޞިއްޙީ ޕްރޮގްރާމާއެކު، 39 ބޮޑެތި މަޝްރޫޢުތައް މެދުކެނޑި ގެން ދިޔައެވެ. އަދި ސަރުކާރު ނޫން ޖަމްޢިއްޔާތަކުގެ މުވައްޒަފުންނަށް ވަޒީފާ ގެއްލި، އަދި ތަފާތު އެކި ހުރަސްތަކާ ކުރިމަތި ލާން ޖެހުނެވެ.
އެމެރިކާއިން އެހީ ދޭން ފަށާފައި ވަނީ އައު ޝަރުތުތަކާއެކުގައެވެ. މީގެ ތެރޭގައި “އެމެރިކާ ފުރަތަމަ” ސިޔާސަތުގެ ދަށުން އެމެރިކާގެ ސްޓްރެޓިޖިކް މަޞްލަޙަތުތަކާ އެއްގޮތަށް މަޝްރޫޢުތައް ބައްޓަންކުރުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު