އަވަށްޓެރި އިންޑިއާއި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ރާއްޖެއާއި އިންޑިއާއި ދެމެދު މުޅި ޖުމުލަ 8 އެއްބަސްވުމެއް ވަނީ ބަދަލުކޮށްފައިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ހާޒިރުގައި މި އެއްބަސްވުންތައް ބަދަލުކުރީ، އިންޑިއާގެ ފަރާތުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އަދި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމަކާ ގުޅޭ ދާއިރާގެ ވަޒީރުންނެވެ.

މިއަދު ދެގައުމުން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި ފެށުމަށް ރަސްމީ މަޝްވަރާތައް ފެށުމާއި އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސައިދޭ 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުމާއި އިންޑިއާ އިން ދީފައިވާ ލައިން އޮފް ކްރެޑިޓް ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިގޮތްތައް ހަމަޖެއްސުމަށް ވެވުނު އެއްބަސްވުމާއި މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން އެހީތެރިކަން ހޯދުމުގެ އެއްބަސްވުމާއި މޫސުމާއި ތިމާވެށީގެ ދާއިރާއިން އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެކެވެ.

މީގެ އިތުރުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއަށް އެހީތެރިކަން ހޯދުމުގެ އެއްބަސްވުމަކާއި އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ފަށަން އެމްއެމްއޭއާ އެކު ހެދި އެއްބަސްވުމުގެ އިތުރުން ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެނައުމަށް އިންޑިއަން ޕާމަކޯޕިއާ (އައިޕީ)އާ އެކު ހެދި އެއްބަސްވުންވެސް ހިމެނެއެވެ.

މި އެއްބަސްވުންތަކުގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިޔަށް ގެންދިޔުމުގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމާއިއެކު އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ އިތުރު އެހީތައް މިއަދު ވަނީ ދިވެހި ސަރުކާރާއި ރަމްޒީގޮތުން ހަވާލުކޮށްފައިއެވެ.


ކިޔުންތެރިންގެ ހިޔާލު