Advertisement

އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވައިފި

އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރު ކަމުން މިއަދު ރިޓަޔާކުރައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުންނާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން އަހުމަދު މުއުތަސިމް އަދުނާން ކުރެއްވި ހިދުމަތްތަކަށް ޝުކުރުއަދާކޮށް ސްޕްރީމް ކޯޓުން ވަނީ މިއަދު ޕޯސްޓެއްކޮށްފަ އެވެ. އެ ޕޯސްޓުގައި ބުނީ، މިއަދުން ފެށިގެން މުއުތަސިމް ވަނީ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާފައި ކަމަށެވެ.

Advertisement

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރެއްވިއިރު، ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއަށް ހަވާލުކުރަން ޖޭއެސްސީން ވަނީ ނިންމައިފައެވެ.

މުއުތަސިމް ރިޓަޔާކުރެއްވުމުގެ ކުރިން އެ މަނިކުފާނަށް ބޮޑު އެލަވަންސް ޕެކޭޖެއް ލިބޭ ގޮތަށް ޖޭއެސްސީން މަޖިލީހަށް ފޮނުވި ނަމަވެސް މިހާރުވެސް އޮތް ގޮތަށް އެލަވަންސް ދޭން މަޖިލީހުން ވަނީ ނިންމައިފައެވެ.

ޖޭއެސްސީން ގެންނަން ހުށަހެޅި އިސްލާހުތަކުގައި ވަނީ ދަތުރުފަތުރުގެ އެލަވަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000 ރުފިޔާ ދިނުމަށާއި ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރުކަމުގައި ހޭދަވި މުއްދަތުގެ އިތުރުން ދައުލަތަށް ހިދުމަތް ކުރި މުޅި މުއްދަތު ހިމެނުމަށެވެ.

ޖޭއެސްސީން ހުށަހެޅި ގޮތަށް މަޖިލީހުން ގަވާއިދު ބަދަލުކުރި ނަމަ ފަނޑިޔާރު މުއުތަސިމްއަށް މިހާރު ލިބިވަޑައިގަންނަވަން އޮތް 185،100 ރުފިޔާގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600 ރުފިޔާއެވެ.

ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވައިދުގައި އުއްތަމަ ފަނޑިޔާރަކު ރިޓަޔާ ކުރެއްވުމުން ހާއްސަ އެލަންވަންސްތަކެއް ދޭން ނޯންނަ އިރު، އެ ގަވައިދުގައި އޮންނަނީ އެއްފަހަރާ ލިބޭނީ އަސާސީ މުސާރައިގެ 1/3 އާއި އެ މީހަކު ފަނޑިޔާރުކަމުގައި ހޭދަކުރި މުއްދަތު ގުނަކުރުމުން އެ ޖެހޭ އަދަދެއް ކަމަށެވެ.

އުމުރު ދުވަހަށް ލިބޭނީ އަސާސީ މުސާރަައިގެ 1/40 އާއި ފަނޑިޔާރުކަން ކުރި މުއްދަތާ ގުނަކުރުމުން އެ ޖެހޭ އަދަދެވެ.

މީގެ އިތުރުން ފަނޑިޔާރަކު ވަކިވިއިރު ލިބޭ މެޑިކަލް އިންޝުއަރެންސްގެ އަދަދަކަށް ފަނޑިޔާރުކަމުން ވަކިވުމަށްފަހުވެސް އެއްވެސް ބަދަލެއް ނާންނާނެއެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން އުޅުއްވާކަމުގެ އަޑުތަކެއް މިދިޔަ އަހަރު ވެސް ފެތުރުނެވެ. ނަމަވެސް އެފަދަ އިޝާރާތެއް އަމިއްލަފުޅަށް ކުރައްވާފައި މިވަނީ ސިއްހީ ހާލުކޮޅު ގޯސްވެގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާވެސް ދީފައި ވަނިކޮށެވެ.

ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އައްޔަންކުރެއްވީ 10 އޮގަސްޓު 2010 ގައެވެ. އެ މަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރައްވައިފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އެ މަނިކުފާނު ވަކިކުރެއްވީ ވެސް 2014 ވަނަ އަހަރުގައެވެ.

ނަމަވެސް 2019 ވަނަ އަހަރު، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އެ މަނިކުފާނުގެ ނަންފުޅު އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވިއެވެ. އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވައި ކުރެއްވީ 2019 ޑިސެމްބަރު 8 ގައެވެ.

އެ މަނިކުފާނު ވަނީ 1994 އިން 2001 ގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން (މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ) ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވައިފައެވެ. މީގެ އިތުރުން 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު މަސައްކަތްކުރައްވާފައިވަނީ ލޯ ފާމެއް ކަމަށްވާ ކްލިޕާ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ