ތަޢުލީމީ ސިޔާސަތުތައް މުރާޖަޢާކޮށް ހަރުދަނާކުރާއިރު، ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ އަންނާން އޮތް ޖީލުތަކަށްޓަކައި ކަމާބެހޭ އިދާރާތަކުގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ “ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ!” މިއެވެ.
ޚުތުބާގައި ބުނެފައިވަނީ، ތަޢުލީމީ މަންހަޖުތަކާއި މުޤައްރަރުތައް ބިނާކުރަންވާނީ އިލާހީ މަންހަޖާ އެއްގޮތަށް، ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ކަމަށެވެ. އަދި ދަރިވަރުންނަށް ދެވޭ ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމުގެ ބަދަލުގައި، އެ ކުދިންގެ ބުއްދިއާއި އަޚުލާޤަށް ފުރިހަމަކަން ގެނެސްދޭ، ވަށައިޖެހޭ ތަޢުލީމަކަށް ވާންޖެހޭނެ ކަމަށްވެސް ޚުތުބާގައި ފާހަގަކުރިއެވެ.
މުދައްރިސުންގެ ދައުރާ ގުޅޭގޮތުން ޚުތުބާގައި ބުނީ، މުދައްރިސުންނަކީ ޢިލްމާއި މަޢުރިފާގެ ނޫރުން ދަރިވަރުންގެ ހިތްތައް އަލިކޮށްދޭ މޭސްތިރިން ކަމަށެވެ. އެހެންކަމުން، ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައިވިޔަސް އިސްލާމްދީނުގެ އަޞްލުތަކާއި ތަރަހައިގެ ތެރެއަށް އެކަންކަން ފެއްތުމަކީ މުދައްރިސުންގެ ބޮޑު އަމާނާތެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
ބެލެނިވެރިންނަށް އިލްތިމާސްކުރަމުން ޚުތުބާގައި ބުނީ، ދަރިން މަދަރުސާއަށް ފޮނުވުމުން ޒިންމާ ނިމުނީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. ދަރިންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން، އެކުދިންނަށް ހިތްވަރުދީ، ޖިސްމާނީ އަދި ނަފުސާނީ ބަދަލުތަކަށް ހޭލުންތެރިވާ ގާތް އެކުވެރިއަކަށް ބެލެނިވެރިން ވާންޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން، ދަރިވަރުންނަށް ނަޞޭޙަތްތެރިވަމުން ޚުތުބާގައި ބުނީ، އުނގެނުމުގެ މަގަކީ ބުރަ މަސައްކަތެއް ނަމަވެސް، އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ އަޖުރު މަތިވެރި ޖިހާދެއް ކަމަށެވެ. އެހެންކަމުން މުދައްރިސުންނަށް އިޙުތިރާމުކޮށް، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޢަޒުމާއެކު ކުރިއަށް ދިއުމަށް ދަރިވަރުންނަށް ގޮވައިލިއެވެ.
ޚުތުބާ ނިންމާލަމުން ބުނީ، އުންމަތް މިއަދު ބޭނުންވަނީ ދީނީ އަދި ދުންޔަވީ ޢިލްމަށް މާހިރު، އިޚުލާޞްތެރި، އަދި ޤައުމީ މަޞްލަޙަތު އިސްކުރާނެ ޖީލެއް ކަމަށެވެ. މިފަދަ ޖީލެއް ބިނާކުރުމަކީ މުޅި މުޖުތަމަޢުގެ ބާއްޖަވެރިކަމާ ގުޅިފައިވާ ކަމެއް ކަމަށްވެސް ޚުތުބާގައި ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު