ކުރީގެ ތެލެސީމިއާ ސެންޓަރުގައި ހެންވޭރު ޖީޕީ ކްލިނިކް ހަދަން، އެ ސެންޓަރުގެ ޑިމޮލިޝިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗުން އިއްޔެ އިއުލާނުކޮށްފިއެވެ.
ޑޮކްޓަރަށް ދައްކަން، ސަރުކާރު ހޮސްޕިޓަލްތަކުގައި ކިޔޫގައި އެތައް ވަގުތެއް ހޭދަކުރަން ޖެހެއެވެ. އެ މައްސަލަ ކުޑަކުރުމަށް ސަރުކާރުން ވަނީ، މާލެ ސަރަހައްދުގައި ހަ ޖީޕީ ކްލިނިކެއް އެޅުމަށް ނިންމާފައެވެ. އޭގެތެރެއިން، އެއް ކިލިނިކް މާފަންނުގައި ހުޅުވާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުލިނިކެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނުގައި ވަނީ، ހެންވޭރު ޖީޕީ ކްލިނިކް އަޅަނީ، ކުރީގެ ތެލެސީމިއާ ސެންޓަރުގައި ކަމަށެވެ.

އެގޮތުން، އެތަނުގެ ޑިމޮލި ޝިން މަސައްކަތްކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށް ބުނެ، އެ ހޮސްޕިޓަލުން ވަނީ، އެ މަސައްކަތަށް ބީލަން ހުށަހަޅަން ހުޅުވާލާފައެވެ.
ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކްލިނިކް ހަދާއިރު، ޚިދުމަތްތައް ޒަމާނީކޮށް އޮރެންޖު ހިޔާއަށް އެ ސެންޓަރުގެ ޚިދުމަތް ވަނީ ބަދަލުކޮށްފައެވެ. އޭގެ ފަހުން އެ ސެންޓަރު ހުންނަނީ ހުހަށެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރީ، މިދިޔަ އަހަރުގެ މެއި އަށެއްގައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު ނުވައެއްގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވަނީ، ހެންވޭރުގައި ޖީޕީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި، މަސައްކަތް ކުރަނީ، އެ ކްލިނިކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވުމަށް ކަމަށް އޭރު ހަލީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު